ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ، 'ދަ ޑިމޮކްރެޓްސް' ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

'ދަ ޑިމޮކްރެޓްސް' ގެ އިންތިހާބީ ކޮމިޓީއާ ފޯމު ހަވާލުކުރެއްވުމަށްފަހު އިލްޔާސް ލަބީބު މިއަދު ވިދާޅުވީ، ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އިސްވެ ނުކުންނެވީ، 'ދަ ޑިމޮކްރެޓްސް' އުފެއްދި މަގުސަދު ހާސިލުކުރުމަށްޓަކައި އެ ޕާޓީގެ ހުރިހާ މެންބަރުގެ އުންމީދުތައް ހަގީގަތަކަށް ހެއްދެވުމަށް ކަމަށެވެ. އެކަމުގައި ކުރިއަށް ވަޑައިގަންނަވާނީ، ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ބޭފުޅުންނާއި ޕާޓީ މެންބަރުންގެ ވިސްނުމާއި ފިކުރާ އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށްޓަކައި، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

'ދަ ޑިމޮކްރެޓްސް' ގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދުވަހުގެ ވޯޓުލުން ކުރިއަށްދާނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށެވެ.

ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވާލާފައިވަނީ މިއަދު ހަވީރު 4:00 ގެ ނިޔަލަށެވެ.

އެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 4045 މީހުންގެ ލިސްޓެއް ޕާޓީން އިއުލާންކޮށްފައިވާ އިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިންކޮށެވެ. އެހެންކަމުން https://bit.ly/demscpln، މި ލިންކް މެދުވެރިކޮށް، ޝަކުވާ ބަލައިގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް 'ދަ ޑިމޮކްރެޓްސް' އިން ބުނެފައިވެއެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަަތު ހުޅުވާލާފައިވަނީވެސް މިއަދު ހަވީރު 4:00 އަށެވެ.