ޅ. އޮޅުވެލިފުށީގައި ސޯލާ ހަޓް ހެދުމުގެ މަސައްކަތަށް، އީލޮޖިކްއަށް ފެނަކަ ކޯޕަރޭޝަނުން ދައްކަން ޖެހޭ ފައިސާގެ ތެެރެއިން ބައެއް ނުދޭ ކަމަށްބުނެ، 537،420 ރުފިޔާ ހޯދަން ކުރި ދައުވާގައިވާ ފައިސާ ދައްކަން ފެނަކައަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އީލޮޖިކް ޕްރައިވެޓް ލިމިޓެޑާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން 3.4 މިލިއަން ރުފިޔާގެ އަގަކަށް ޅ. އޮޅުވެލިފުށީގައި ސޯލާ ހަޓް ހެދުމަށް ކުރިއަށްގެންދިޔަ މަސައްކަތާ ގުޅިގެން އުފެދުނު މައްސަލައެކެވެ.
އެ މަސައްކަތް އީލޮޖިކްއާ ހަވާލުކޮށް، އެ ޕްރޮޖެކްޓުގެ ހުރިހާ މަސައްކަތެއް ނިންމައި ފެނަކައާ ތަން ހަވާލުކޮށްފައި ވަނިކޮށް، އެ މަސައްކަތުގެ ޖުމުލަ އަގުގެ ބައެއް ކަމަށްވާ 344،947.28 ރުފިޔާ ދިނުމަށް ފެނަކައިން އިންކާރު ކޮށްފައިވާ ކަމަށްބުނެ، ފެނަކަ ކޯޕަރޭޝަންގެ އެ އަމަލަކީ މަސައްކަތް ކުރުމުގެ އެއްބަސްވުމާ ހިލާފު އަމަލެއް ކަމަށްވާތީ، އެ ފައިސާއާއެކު ގެއްލުމުގެ ބަދަލުގެ ޖުމުލައިގެ ގޮތުގައި 537،420.92 ރުފިޔާ ހޯދުމަށް ފެނަކައިގެ މައްޗަށް އީލޮޖިކް އިން ވަނީ ދައުވާކޮށްފައެވެ.
މި މައްސަަލައިގައި ހިމެނޭ ފައިސާ އެ ކުންފުންޏަށް ދިނުމަށް އިންކާރުކޮށް ފެނަކައިން ބުނެފައިވަނީ، މަސައްކަތުގެ ބީއޯކިއުގައި ހިމެނޭ އެންމެހައި އައިޓަމްތަކަށް އީލޮޖިކް އިން ހުށަހެޅި ހުރިހާ ބިލުތަކަށް ފައިސާ ދީފައިވާ ކަމަށެވެ. އަދި އީލޮޖިކް އިން ހުށަހެޅި އިންވޮއިސްގައި ހިމެނޭ 344،947.28 ރުފިޔާއަކީ ކޮން ކަމަކަށް ހިނގާފައިވާ ފައިސާއެއްކަން އަދި އެއީ ކިހިނެއް، ކޮން ގޮތަކުން އައި އަދަދެއްކަން އީލޮޖޮކްއަށް އެނގިފައި ނެތްކަން އެ ކުންފުނިން ފެނަކައަށް ފޮނުވި ސިޓީން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެެ.
މި މައްސަލަ ބެލުމަށްފަހު، ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، މަސައްކަތުގެ އަގުގެ ތެރެއިން ދައްކަންޖެހޭ ކަމަށް އީލޮޖިކް އިން ބުނެފައިވާ 344،947.28 އާއި ގެއްލުމުގެ ބަދަލު ފައިސާއާއެކު ޖުމުލަ 537،420.92 އީލޮޖިކްއަށް ދައްކަން ފެނަކައިގެ މައްޗަށް އަންގާނެ ހަމައެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު