ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ، 'ދަ ޑިމޮކްރެޓްސް' ގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 4045 މީހުންގެ ލިސްޓަށް، މިއަދު ހަވީރު 4:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެ ޕާޓީން އެދިއްޖެއެވެ.
'ދަ ޑިމޮކްރެޓްސް' ގެ ރިޔާސީ ޕްރައިމަރީގެ ވޯޓުން ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.
އެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 4045 މީހުންގެ ލިސްޓެއް ވަނީ އާންމުކޮށްފައެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިންކޮށެވެ. އެހެންކަމުން https://bit.ly/demscpln، މި ލިންކް މެދުވެރިކޮށް، ޝަކުވާ ބަލައިގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް 'ދަ ޑިމޮކްރެޓްސް' އިން ބުނެފައިވެއެވެ.
ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހު ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިިމީ ލިސްޓު ޝާއިއުކުރަން ހަމެޖހިފައިވަނީ މާދަމާއެވެ.
'ދަ ޑިމޮކްރެޓްސް' ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލާފައިވާ އިރު، އެ ފުރުސަތު ހަމަވާނީވެސް މިއަދު ހަވީރު 4:00 އަށެވެ. އެހެންކަމުން ކެނޑިޑޭޓުންގެ ލިސްޓު އާންމުކުރުމަށް ހަމަޖެހިފައިވަނީވެސް މާދަމާއެވެ. މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ، އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށެވެ.
މިހާތަނަށް އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
ޚަބަރު
ޚަބަރު
ޚަބަރު