އާޝޫރާ ދުވަހު ރޯފަ ހިފުމާ ގުޅޭ ގޮތުން ހުތުބާގައި ބުނީ، އާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުށްފާފަތައް މާތް ﷲ ފުއްސަވައި ދެއްވާނެ އަމަލެއް ކަމުގައި ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އާޝޫރާ ދުވަހުގެ މާތްކަން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުހައްރަމު މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ އާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ.

އެގޮތުން ތަފްސީރު ފޮތްތަކުގައި ބަޔާންވެގެންވާ ގޮތުން އެ ދުވަހަކީ މާތް ﷲ އާދަމުގެފާނުގެ ތައުބާ ގަބޫލުފުޅު ކުރެއްވި ދުވަސް ކަމަށާއި ނޫހުގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ތޫފާނުން ސަލާމަތް ކުރެއްވީވެސް އަދި އިބުރާހީމުގެފާނު އަންދާލުމަށް ލައުނަތް ލެއްވި ނަމްރޫދު ރޯކުރި އަލިފާންގަނޑުން އިބްރާހިމްގެފާނު ސަލާމަތްކުރެއްވީވެސް އާޝޫރާ ދުވަހުގައި ކަމަށް ބުންޏެވެ.

އޭގެ އިތުރުން ޔޫސުފުގެފާނުގެ އަހުންގެ ނުބައި ރޭވުންތަކުން ޔޫސުފުގެފާނު ސަލާމަތް ކުރެއްވުމަށްފަހު އެކަލޭގެފާނުގެ ބަފައިކަލުން ޔައުގޫބުގެފާނު އަލުން ބައްދަލުވެވަޑައިގަތީ އާޝޫރާ ދުވަހު ކަމަށާއި ޔޫނުސުގެފާނު މަހުގެ ބަނޑު ތެރެއިން ސަލާމަތްވެ ވަޑައިގަތީވެސް އަދި އައްޔޫބުގެފާނު އިމްތިހާނު ކުރެއްވުމުގެ ގޮތުން އެކަލޭގެފާނަށް ޖެއްސެވި ދިގު މުއްދަތުގެ ބޮޑު އާލާސްކަންފުޅުން އެކަލޭގެފާނު ސަލާމަތް ކުރެއްވީވެސް އާޝޫރާ ދުވަހުގައި ކަމަށް ހުތުބާގައި ބުންޏެވެ.

އާޝޫރާ ދުވަހަކީ ފިރްއައުނުގެ ކިބައި މޫސާގެފާނު ސަލާމަތްކުރައްވައި ފިރްއަރުނާއި އޭނާގެ ލަޝްކަރު އަރަގު ކުރެއްވި ދުވަސްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ފިރްއައުނު އަރަގުކުރެއްވި ހާދިސާއިން މާތް ﷲ އަށް ކާފިރުވެ ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ އަޒާބުން އަޒާބު ދެއްވައި، ނެތިކުރައްވާނެކަން ކަމަށާއި އެ މީހުންނަށް އެކަމުގައި ކާމިޔާބު ނުލިބޭނެކަން އެނގޭ ކަމަށެވެ.

އަދި މުސްލިމުން ފަސާދަޔާ ދެކޮޅަށް ތެދުވަން ޖެހޭނެ ކަމާއި މާތް ﷲ އަށް އީމާންވާ މީހުންނަށް އާހިރުގައި އެކަލާނގެ ކާމިޔާބު ދެއްވައި އެ މީހުންނަށް ދުނިޔޭގައިވެސް އިއްޒަތާއި ޝަރަފާއި ގަދަރު ދެއްވާނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، އާޝޫރާ ދުވަހު ރޯފަ ހިފާ މީހާ އޭގެ ކުރީ ދުވަހު، (އެބަހީ: ނުވަވަނަ ދުވަހު) ނުވަތަ އެ ދުވަހާ ޖެހިގެން އަންނަ ދުވަހު (އެބަހީ: އެގާރަވަނަ ދުވަހު) ރޯދަ ހިފުމަކީ ސުންނަތް ވެގެންވާ ކަމެއް ކަމަށެވެ. އަދި އާޝޫރާ ވިލޭރޭގައި "އާޝޫރާ ދުއާ"ގެ ނަމުގައި ވަކި ދުއާއެއް ކުރުމާއި އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުއު ކުރައްވާފައި ނެތް ކަމަށް ބުންޏެވެ.