އޮސްޓްރޭލިއާއަށް ލެއްގީ ފެނުނީ އިންޑިއާއާ ބެހޭ އެއްޗެއް ނޫންކަމަށް އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން ''އިސްރޯ'' އިން ބުނެފިއެވެ.

އިންޑިއާގެ ސްޕޭސް ޗީފް ވަނީ އޮސްޓްރޭލިއާގެ އަތިރިމަތިން ފެނިފައިވަނީ ރޮކެޓެއްގެ ބައެއްކަމަށާއި އެއީ އިންޑިއާއާ ގުޅުންހުރި އެއްޗެއް ނޫންކަމަށް ބުނެފައެވެ.

އޮސްޓްރޭލިއާގެ ޕާތާ 250 ކިލޯމީޓަރު ދުރުމިނުގައި އޮންނަ ގްރީން ހެޑް ބީޗުން ފެނިފައިވާ ގޮތް ނޭނގޭ އެތީގެ ހަގީގަތް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ތިން މީޓަރު ދިގު ސިލިންޑަރެއް ވައްތަރުގެ އެ އެތި ފެނުމާއެކު ތަފާތު ވާހަކަތައް ވަނީ ފެތުރެން ފަށާފައެވެ. ބައެއް މީހުން ވަނީ އެއީ ގެއްލިފައިވާ އެމްއެޗް 370ގެ ބައެއް ކަމަށް ބުނެފައެވެ. ބައެއް މީހުން ބުނަނީ އެއީ އިންޑިއާއިން ދާދި ފަހުން ފޮނުވާލި ރޮކެޓްގެ ބައެއް ކަމަށެވެ.

އޮސްޓްރޭލިއާއިން ފެނުނު ގޮތް ނޭނގޭ އެތީގެ ދިރާސާ ކުރަން ހާއްސަ ޓީމެއް އެކުލަވައިލައިފައިވާއިރު އޭގެ ހަގީގަތް ހޯދުމަށް ވަނީ ތަހުގީގު ފަށާފައެވެ.