ހއ. މޮޅަދޫގެ ގިރާ ސަރަހައްދު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހިމާޔަތްކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހއ. މޮޅަދޫގައި މިއަދު ބޭއްވި ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މޮޅަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ތަރައްގީގެ ސަފުން މޮޅަދޫ ބާކީނުވާނެކަމުގެ ޔަގީންކަން ކަމަށެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ރޭވުންތެރިކަމާއެކު މޮޅަދޫގައި ތަރައްގީގެ ބައެއް މަޝްރޫއުތައް ނިމިފައިވާ އިރު، އަނެއްބައި މަޝްރޫއުތައް ނިމެން ކައިރިވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މޮޅަދޫގެ ގިރާ ސަރަހައްދުގެ ވާހަކަ ކައުންސިލުން ފާހަގަކުރައްވާފައިވާ ކަމަށާއި އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި މޮޅަދުއަށް ރަށްގިރުމުގެ މައްސަލަ ދިމާވަނީ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

"ބަނދަރު ހެދުމާއެކުގައި ރަށަށް އަންނާނެ ކޮންމެވެސް ބަދަލުތަކެއް، އެހެން ގޮތަކަށް އަޅުގަނޑުމެން ބަދަލުކޮށްލީމާ އަންނަ ބަދަލު އަންނާނެ. އެގޮތުން މި ރަށުގައި ވެސް ކޮންމެވެސް ދިމާއެއް ގިރަން ފަށާފަ މިހާރު އޮންނާނީ. އެ ވާހަކަ ކަންނޭނގެ ދެންމެ ކައުންސިލް ރައީސް އެ ވިދާޅުވީ. އިރާދަކުރެއްވިއްޔާ މި ރަށުގެ ބަނދަރަށް އިތުރުކުރަންޖެހޭ ބަޔާއެކުގައި މި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން ކޮށްދޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މޮޅަދޫ ބަނދަރު ހެދުމާއެކު ބޯޓު ފަހަރު އަންނަ އަދަދު އިތުރުވެ، ރަށުގެ އިގިތިސޯދު ކުރިއަރައިގެން ދާނެ ކަމަށެވެ. މޮޅަދޫ އަކީ މުސްތަގުބަލެއް އޮތް ރަށެއް ކަމަށާއި މިހާރު މޮޅަދޫއަކީ ލޯކަލް ޓޫރިޒަމުގައި ފާހަގަކޮށްލެވޭ ރަށެއް ކަމަށް ވިދާޅުވިއެވެ.

މޮޅަދުއަށް ބޭނުންވާ ސްކޫލުގެ އާ އިމާރަތް މިހާރު ނިމިފައިވާ ކަމަށާއި އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ އިރު، ކުނި މެނޭޖުކުރުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަަވަހަށް ޓެންޑަރަށް ލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މޮޅަދޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި އަގުބޮޑު ދަތުރުފަތުރުގެ ނިޒާމު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އާއެކު އަގުހެޔޮ ވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް މި ގެންދެވެނީ އަމާންކަން ގާއިމުވެފައި އޮތުމުން ކަމަށާއި ފަސް އަހަރު ފަހުން މިހާރު ފެންނަ ބޮޑުތިލަދުންމަތި އެހެން ބޮޑުތިލަދުންމައްޗަކަށް ބަދަލުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ބަޔަކު ވެރިކަމަށް އަތުވެއްޖެނަމަ އަލުން އާ ސިޔާސަތެއް ގެނެސް، މާލޭ ސަރަހައްދަށް މީހުން ޖަމާކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ ރަށުގައި އާއިލާއެކު ދިރިއުޅެން ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ.