ބައެއް ފަހަރު އިންޖިނޭރަކަށް، އަނެއްބައި ފަހަރު ޑޮކްޓަރަކަށް ހެދިގެން ޒުވާން އަންހެން ކުދިންނަށް އޮޅުވާލައިގެން އެ ކުދިންނާ ކައިވެނިކޮށް އެ ކުދިންގެ ފައިސާކޮޅާއި ގަހަނާކޮޅު ހިފައިގެން ފިލުމުގެ ފަނަރަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފިރިހެނަކު އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
މަހޭޝް ކޭބީ ނަޔަކް ނަމަކަށް ކިޔުނު 35 އަހަރުވީ މި ފިރިހެން މީހާ ވަނީ 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި މަގުން 15 އަންހެނުންނާ ކައިވެނިކޮށް އެ މީހުންގެ މުދަލާއި ފައިސާކޮޅު ލޫޓުވައިލައިފައެވެ. މި ހުރިހާ އަންހެނުންނަކީވެސް މޮޅަށް ކިޔަވައިގެން ތިބި ވަޒީފާ އަދާކުރާ އަންހެނުންނެވެ. އޭނާ އެންމެފަހުން އިނީ ސޮފްޓްވެއާ އިންޖިނޭރަކާއެވެ.
މަހޭޝްގެ ސިއްރުތައް ފަޅާއެރީ ހުސްވި އަހަރު އޭނާ ކައިވެނި ކުރި އަންހެން މީހާއަށް މީނާޔާމެދު ޝައްކު ކުރެވިގެން ވަނަވަރު ބަލައި ހޯދުމުންނެވެ. ޝައްކު ކުރެވުނީ އޭނާ ބުނާކަހަލަ މޮޅު މީހެއްގެ ކިބައިގައި ހުންނަންޖެހޭ މުވާސަލާތުގެ ހުނަރުތަކާއި ކުޅަދާނަކަން ނެތުމުންނެވެ. ހާއްސަކޮށް އިނގިރޭސި ބަހަށް ނުފަރިތަ ކަމުންނެވެ. ގޯހެއް އުޅޭކަން އަންހެން މީހާއަށް ޔަގީންކުރެވުމާއެކު މައްސަލަ ފުލުހަށް ހުށައެޅީއެވެ.
ފުލުހުން އައިސް ފިރިހެން މީހާ ހައްޔަރުކޮށް އިތުރަށް ތަހުގީގު ކުރުމުން ޔަގީންވީ އިތުރު އެތައް ބަޔަކަށްވެސް ލަނޑުދީ ފައިސާކޮޅު ފޭރިގެން ފިލުމުގެ ތަފާތު އެހެން ސާދަ ހާދިސާއެއްވެސް ހިންގާފައިވަނީ މީނާ ކަމެވެ. އެގޮތަށް އޮޅުވާލައިގެން ކުރި ކައިވެނިތަކުން މީނާއަށް ތަފާތު ހަތަރު އަންހެނެއްގެ ފަރާތުން ހަތަރު ކުދިން ލިބިފައިވާކަންވެސް ހާމަވިއެވެ.
މީނާގެ މަޅީގައި އަންހެން ކުދިން ޖެއްސުމަށްޓަކައި ބެންގަލޫރުގައި ނަގުލީ ކުލިނިކެއްވެސް ގާއިމުކޮށް އެތަނުގައި ނަރުހަކުވެސް ގެންގުޅޭ ކަމަށްވެއެވެ. ކޮންމެ އަންހެނަކަށް ލަނޑު ދިނުމަށްފަހު ދެން ފިލާ ގޮތަށް އެ ކުއްޖަކަށް ދުވަހަކުވެސް ނުފެނެއެވެ. މަހޭޝް އެންމެފަހުން ކައިވެނިކުރީ މައިސޫރުގެ ކުއްޖަކާއެވެ. މީނާ ގިނަ ފަހަރަށް އަންހެން ކުދިން ވާވައްދަނީ އޮންލައިނުންނެވެ. އަސްލު ގޮތަށް ބައްދަލުކުރަނީ މަޅީގައި ރަނގަޅަށް ބެއްދުމަށްފަހުގައެވެ. ބައެއް މީހުން މީނާއަށް ހެއްލުނު ކަމަށްވިޔަސް ވަރަށް ގިނަ އަންހެނުން މީނާގެ އިނގިރޭސި ފެންވަރު ދެރަވަރުކަމުން ނޫނެކޭ ބުނެފައި ބޯދަމައިގަންނަ ކަމަށް ފުލުހުންގާތު އޭނާ ވަނީ އިއުތިރާފުވެސް ވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު