ދުނިޔޭގެ ޕާސްޕޯޓް ރޭންކިންގެ 57 ވަނައަށް ރާއްޖޭގެ ޕާސްޕޯޓު ހިމެނިއްޖެ އެވެ.

ހެންލީ ޕާސްޕޯޓް އިންޑެކްސް ރޭންކިން އިން ޝާއިއުކޮށްފައިވާ ރިޕޯޓުގައި ވާގޮތުން ރާއްޖެ 57 ވަނައިގައި ހިމެނިފައިވާއިރު މިދިޔަ އަހަރު ރާއްޖެ ހިމެނިފައިވަނީ ރޭންކިންގެ 63 ވަނައިގައެވެ.

މިއަހަރުގެ ރިޕޯޓުގައިވާގޮތުން ރާއްޖެއިން ވިސާއާ ނުލައި 91 ގައުމަކަށް ދަތުރު ކުރެވޭނެއެވެ. މިދިޔަ އަހަރުގެ ރިޕޯޓުގައި ވާގޮތުން ދިވެހި ޕާސްޕޯޓުގައި 89 ގައުމަކަށް ވިސާއާއ ނުލައި ދަތުރުކުރެވެއެވެ.

މިއަހަރު ހެންލީ ޕާސްޕޯޓް އިންޑެކްސް ރޭންކް އިން ނެރެފައިވާ ރިޕޯޓުގައި ވާގޮތުން އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ހޯދައިފައިވަނީ ސިންގަޕޫރުގެ ޕާސްޕޯޓެވެ. ދެވަނައިގައި ޖަރުމަނުގެ އިތުރުން އިޓަލީއާއި ސްޕެއިން ހިމެނޭއިރު މިދިޔަ އަހަރު އެއްވަަނައިގައި ހިމެނުނު ޖަޕާން ވަނީ ރޭންކިންގެ ތިން ވަނައަށް ވެއްޓިފައެވެ.

ރިޕޯޓުގައި ވާގޮތުން އަވަށްޓެރި އިންޑިއާ ހިމެނިފައިވަނީ 80 ވަނައިގައެވެ. އިންޑިއާގެ ޕާސްޕޯޓުން 57 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.

95 ވަނައިގައި ސްރީލަންކާ ހިމެނިފައިވާ އިރު ލަންކާގެ ޕާސްޕޯޓުން 41 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.

ރޭންކިންގެ އެންމެ ފުލުގައި 101 ވަނައިގައި ވަނީ އަފްގާނިސްތާނެވެ. އަފްގާން ޕާސްޕޯޓު ބޭނުންކޮށްގެން ވިސާއާ ނުލައި ދަތުރުކުރެވޭނީ އެންމެ 27 ގައުމަކަށެވެ.