ގައުމީ ތަރައްގީގެ އާ ފަތިހަކަށް އަލިވިލިފައިވާ އިރު، ދެކޮޅުވެރިކަމާއި ހަސަދަވެރިކަން ދޫކޮށްލަންޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހިޖުރީ 1445 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސް ސޯލިހު މިރޭ ފޮނުއްވި ހިތޯބުގައި ވިދާޅުވީ ހިޖުރައިގެ މަތިވެރި ހާދިސާގެ އެންމެ މުހިންމު އެއް މަގުސަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުން ކަމަށެވެ. މަދީނާގެ ބިމުގައި އިސްލާމީ އުންމަތް ކުރިލައި ހެދިގެންދިޔައީ، ހިޖުރައަށް ފަހުގައި މުސްލިމުންނަށް ލިބުނު އަމާންކަމާއި ހިތްހަމަޖެހުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެ ބާރު މިނެއްގައި ތަރައްގީ ވަމުން އަންނަ އިރު، އެމަނިކުފާނު ރައްޔިތުންނަށް އިލްތިމާސްކުރަން ބޭނުންފުޅުވަނީ ހަސަދަވެރިކަމާއި ދެކޮޅުވެރިކަން ދޫކޮށްލައި، އެއްބައިވަންތަވުމަށް ކަމަށެވެ.
"ގައުމީ ތަރައްގީގެ މުޅިން އާ ފަތިހަކަށް ދިވެހި އުންމަތް އަލިވިލިފައިވާ މި ދަނޑިވަޅުގައި، އަޅުގަނޑުމެންގެ މިސްރާބު އަމާޒުކުރަންވީ، ދިވެހިންގެ މެދުގައި މިއޮތް ހަމަޖެހުމާއި ސުލްހަވެރިކަމުގެ މަތީގައި ގައުމު ބިނާކުރުމަށެވެ. އުފާވެރިކަމާއި އަމާންކަންމަތީ ދެމި ތިބެ ދިރިއުޅުން އާރާސްތުކޮށް، އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ގައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް މި ގައުމު ފޯރުކޮށްދިނުމަށެވެ. ބައިބައިވުމާއި ދެކޮޅުވެރިކަމާއި ހަސަދަވެރިކަން ދޫކޮށްލައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބެ، ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް،" ރައީސް ވިދާޅުވިއެވެ.
މާތް ނަބިއްޔާ ފައްޓަވައިދެއްވި މަގުގައި ސާބިތުވެ ތިއްބެވި އެކަލޭގެފާނުގެ މިތުރު ސަހާބީން ދައްކަވައިދެއްވީ، މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ އެންމެ މަތިވެރި ނަމޫނާ ކަމަށް ރައީސް ވިދާޅުވިއެވެ. ހިޖުރައިގެ މަތިވެރި ހާދިސާގެ އިހާއި ފަހާ ގުޅިފައިވާ ކަންކަމުން ތަސައްވަރުވެގެން ދަނީ، މިނިވަންކަމާއި ހަމަޖެހުމާއި ސުލްހަވެރި ކަމަށް ބޭނުންވެފައިވާ މިންވަރު ކަމަށް ރައީސް ވިދާޅުވިއެވެ.
ހިޖުރައިގެ ބިންގަލުގެ މަތީގައި އުފަންވި އިސްލާމީ އުންމަތް ދުނިޔެއަށް ސާބިތުކޮށްދިނީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަހުވަންތަކަމުން އިންސާނީ މުޖުތަމައަށް ލިބިގެންދާ ކުރިއެރުމާއި ފާގަތިކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ހިޖުރީ އާ އަހަރުގެ ފެށުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، އެ މަތިވެރި ހާދިސާއިން ލިބިދޭ އެފަދަ ފިލާވަޅުތަކުން އިބުރަތް ހާސިލުކުރެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު