އެމްޑީޕީ ސޯޝަލް މީޑިއާގެ އިސް އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ އަހުމަދު އަންވަރު (ސިމްވާ) ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ސިޔާސީ މަގާމެއްގައި ހުންނެވި ސިމްވާ ސަރުކާރުން އިސްތިއުފާ ދެއްވިކަން އާންމުކުރައްވައި، އޭނާގެ އިސްތިއުފާ ސިޓީ ޓުވިޓާގައިވެސް ވަނީ އާއްމު ކުރައްވައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސް ކުރައްވައި ސިމްވާ ލިޔުއްވި އެ ސިޓީގައި ވިދާޅުވެފައިވަނީ އޭނާ ސަރުކާރުގައި އަދާކުރަމުން އަންނަ ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދީފިކަމަށާއި ސަރުކާރުގައި މަސައްކަތް ކުރުމަށް ދެއްވި ފުރުސަތާއި ބެހެއްޓެވި ގާތްކަމަށް ރައީސަށް ޝުކުރު ދަންނަވާ ކަމަށެވެ.
އިސްތިއުފާ ދިން ސަބަބު އެ ސިޓީގައި ބަޔާންކުރައްވައިފައި ނުވިނަމަވެސް ސަރުކާރުން އިސްތިއުފާ ދެެއްވައި ސިމްވާ ވަނީ ދާދި ފަހުން އުފެއްދި ދަ ޑިމޮކްރެޓްސް އަށް މިއަދު ސޮއިކުރައްވައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި އިންނަވައި ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ފޮޓޯތައްވެސް އޭނާ ވަނީ ޓުވިޓާގައި ހިއްސާކުރައްވައިފަ އެވެ.
އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ކަމަށްވާ ސިމްވާ އާއި ޝައްމޫން ޖަލީލް (ލޫކަސް) ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކުރީ އެއް ދުވަހެއްގަ އެވެ. ސިމްވާ ފުރަތަމަ އައްޔަންކުރީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށެވެ. ފަހުން އޭނާ ވަނީ ހެލްތު މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ. ސިމްވާ އިސްތިއުފާ ދެއްވިކަން މިއަދު އާންމުކުރެއްވި އިރު ލޫކަސް ވެސް ވަނީ ސަރުކާރުގައި އޭނާ އަދާކުރައްވަމުން ގެންދެވި ސިޔާސީ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު