ކ.ތުލުސްދޫގައި މިއަދު ނިންމާލި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން އަދި އަންހެން ރޭންކިންގެ އެއްވަނައާއެކު ޖަޕާނުން ދެ ކެޓަގަރީންވެސް ރަން މެޑަލް ހޯދި އިރު، ރާއްޖޭގެ ފިރިހެން ޓީމުން ރޭންކިންގައި ދެވަނައަށް ނިންމާލައި ރިހި މެޑަލް ހޯދައިފިއެވެ.

ރާއްޖޭގައި މިއަހަރު ބޭއްވި ހަތްވަނަ ބައިނަލްއަގުވާމީ މުބާރާތް، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023 މިއަދު ތުލުސްދޫގައި ކާމިޔާބުކަމާއެކު ނިންމާލައި، ނިންމުމުގެ ރަސްމިއްޔާތު ވަނީ ބާއްވައިފައެވެ. މިއަދުގެ ނިންމުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު އަދި ހެލްތު މިނިސްޓަރު މުހައްމަދު ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭގެ އިތުރުން އޭޝިއަން ސާފިން ފެޑަރޭޝަންގެ ރައީސާއި ނައިބު ރައީސްވެސް މިއަދުގެ އިވެންޓުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. ޖުމުލަ 18 ގައުމަކުން ވާދަކުރި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން އަދި އަންހެން އޯޕަން ޑިވިޝަންގެ ފައިނަލް އިވެންޓުތައް އިއްޔެ ނިމިފައިވާ އިރު، މިއަދު ކުރިއަށްދިޔައީ 18 އަހަރުން ދަށުގެ ޖޫނިއާ އަންހެން އަދި ފިރިހެން އެންމެ ފަހު ހީޓްތަކެވެ.

މިއަދު ކުރިއަށްދިޔަ ޖޫނިއާ ފައިނަލް ހީޓްގައި ޖަޕާނުގެ ހަތަރު އެތުލީޓުން ވާދަކޮށްފައިވާ އިރު، ރަން މެޑަލް ހޯދީ އީކޯ ވަތަނަބޭއެވެ. އަދި ދެވަނަ ހޯދީ ރިކި ސަޓޯއެވެ. ލޯ މެޑަލް ތަރޯ ޓަކައި ހޯދި އިރު، ހަތަރުވަނައިގައި ނިންމާލީ ކައިސޭ އަދާޗީއެވެ. އޭގެ ތެރެއިން ވަތަނަބޭ ވަނީ އިއްޔެ ކުރިއަށްދިޔަ ފިރިހެން އޯޕަން ޑިވިޝަންގެ ހަތަރުވަނަވެސް ހޯދައިފައެވެ. އަދި ރިކި ސަޓޯއަކީ ފިރިހެން އޯޕަންގެ ރިހި މެޑަލް ހޯދި އެތުލީޓުވެސް މެއެވެ.

އިއްޔެ ކުރިއަށްދިޔަ ފިރިހެން އޯޕަން ޑިވިޝަންގެ ފައިނަލް ހީޓްގައި ރާއްޖޭގެ ރާއްޖޭގެ ތަޖުރިބާކާރު ސާފަރު ހުސައިން އަރީފް (އިބޫ) ވަނީ ލޯ މެޑަލް ހޯދައިފައެވެ. އެ އިވެންޓްތަކުގެވެސް ނަތީޖާ މިއަދު ފާޅުކޮށްފައިވާ އިރު، ފިރިހެން ޗެމްޕިއަންކަން ހޯދީ އިންޑޮނޭޝިއާގެ ޑަނީ ވިޑިއަންޓޯއެވެ.

މިއަދު ކުރިއަށްދިޔަ ޖޫނިއާ އަންހެން ފައިނަލް ހީޓުން އެއްވަނަ ހޯދައި ޖޫނިއާ އަންހެން ޗެމްޕިއަންކަން ހޯދީ ޖަޕާނުގެ ސުމޯމޯ ސަޓޯއެވެ. ދެވަނަ ޗައިނާގެ ސީގީ ޔާންގް ހޯދި އިރު، ތިންވަނަ ހޯދީ ޖަޕާނުގެ މިރާއީ އިކެޑާއެވެ. ހަތަރުވަނައިގައި ނިންމާލީ ކަނޮން ތަކަހާޝީއެވެ. އޭގެ ތެރެއިން ޖަޕާނުގެ ސުމޯމޯއަކީ އިއްޔެ ކުރިއަށްދިޔަ އަންހެން އޯޕަން އިވެންޓްގެވެސް ޗެމްޕިއަނެވެ. އަދި އެ އިވެންޓްގެ ރިހި މެޑަލް ހޯދީ ޖުނިއާ ބައިގެ ލޯ މެޑަލް ހޯދި މިރާއީ އިކެޑާއެވެ. އަންހެން އޯޕަން ބައިގެ ތިންވަނަ ހޯދީ ދެއާ ނަތަސްޔާއެވެ. އަންހެން އޯޕަން އިވެންޓްގެ ހަތަރު ވަނައަށް ދިޔައީ އަސަބެލް ފަޔެ ހިގްސްއެވެ.

މިފަހަރުގެ ސާފިން ޗެމްޕިއަންޝިޕްގެ ޓީމް އިވެންޓް ކަމަށްވާ އަލޯހާ ކަޕްގެ ޗެމްޕިއަންކަން ހޯދީ ޖަޕާނެވެ. އެ އިވެންޓްގެ ދެވަނަ ޗައިނާއިން ހޯދި އިރު، ހަތަރު ވަނަ އަކީ ލުބުނާނެވެ. ރާއްޖެއިން ލޯ މެޑަލް ހޯދި ޓީމުގައި ހިމެނެނީ އިބޫ، އަހުމަދު އާގިލް (އައްމަޑޭ)، ހޫދު އަހުމަދު އަދި ރާހިލް ނަސީމް (އާޔާ) އެވެ.

ރާއްޖޭގެ ފިރިހެން އެތުލީޓުން މިފަހަރުގެ މުބާރާތުގައި ދެއްކި ރަނގަޅު ފެންވަރަށް ރޭންކިންގެ ދެވަނައިގައި ރިހި މެޑަލް ހޯދި އިރު، ފިރިހެން ރޭންކިންގެ އެއްވަނައިގައި ތަށި ހޯދީ ޖަޕާނެވެ. ތިންވަނައަށް ދިޔައީ އިންޑިއާއެވެ.

އަންހެންވެސް ރޭންކިން އެއްވަނައިގައި ޖަޕާން ނިންމާލި އިރު، ދެވަނަ ލިބުނީ ޗައިނާއަށެވެ. ތިންވަނައަށް ދިޔައީ ތައިލެންޑެވެ.