ޚަބަރު

ފަހުގެ އައިފޯންތަކަށް ބޭނުން ކުރެވޭ ގޮތަށް އައިފޯންގެ އެންމެ ފަހުގެ އައިއޯއެސް 17 ޕަބްލިކް ބީޓާ ނެރެފި

ފަހުގެ އައިފޯންތަކަށް ބޭނުންކުރެވޭ ގޮތަށް އައިއޯއެސް 17 ބީޓާ ނެރެފިއެވެ.

ކުރިން ހަމަ އެކަނި ސޮފްޓްވެއާ ލިޔާ މީހުންނަށް ދޫކުރި ޑިވެލޮޕާ ބީޓާގެ 3 ވަނަ އަދަދު ނެރުމަށްފަހު މިހާރު ވަނީ އައިއޯއެސްގެ 17 ޕަބްލިކް ބީޓާ ނެރެފައެވެ. މި އޯއެސް އައިފޯންގެ ފަހުގެ އަދަދުތައް ގެންގުޅޭ ކޮންމެ މީހަކަށްވެސް ދަތިކަމެއް ނެތި އިންސްޓޯލް ކުރެވޭނެއެވެ.

މުޅިން އާ ގިނަ ފީޗާސްތަކެއް ހިމެނޭ އައިއޯސް 17ގައި ސްމާޓް ޑިސްޕްލޭ މޯޑުން ފެށިގެން އާ ހެލްތް ފީޗާސްތަކާއި އިންޓަރެކްޓިވް ވިޖެޓްތައްވެސް ހިމެނެއެވެ. އަދި އައި މެސެޖު ކުރުމަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު ލައިވް ވޮއިސްމެއިލް އިން ފެށިގެން އޮފްލައިން އެޕަލް މެޕްވެސް މި އާ އައިއޯއެސްގައި ބޭނުން ކުރެވޭނެއެވެ.

ނިމިދިޔަ ޖޫން މަހުގެ ކުރީކޮޅުއްސުރެ ޑިވެލޮޕަރުންނާ އެކު ޓެސްޓު ކުރަން ފެށި އާ އައިއޯސް 17 ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ. ނަމަވެސް އާންމުންނަށް ބޭނުން ނުކުރެވޭތީ ގިނަ ބަޔަކު ޝަކުވާވެސް ކުރިއެވެ. ނަމަވެސް މިހާރު މިވަނީ ޕަބްލިކް ބީޓާ އާންމުންނަށް ދޫކޮށްލައިފައެވެ. އެޕަލްއިން މި އަހަރު ނެރެމަށް ހަމަޖެހިފައިވާ އައިފޯން 15 ގައި ބޭނުން ކުރާނީ އައިއޯއެސް 17 އެވެ.

އެހެންކަމުން އައިފޯން 15 އަތަށް އެރުމުގެ ކުރިން އެ ފޯނުގައި ބޭނުންކުރާ އައިއޯއެސް 17 ޕަބްލިކް ބީޓާ އައުމަކީ އެޕަލް އައިފޯން ބޭނުންކުރާ މީހުން އައިފޯން 15 އަށް ހިތްޖެއްސުމަށް ކުރި ކަމެކެވެ. ސޮފްޓްވެއާ ލިޔެދޭ ޑިވެލޮޕަރުން ނޫން ފަރާތްތަކުންވެސް އައިފޯންގެ އެންމެ ފަހުގެ އައިއޯއެސް ބޭނުން ކޮށްލާ އެކަމަށް ފަރިތަވުމަކީ އެޕަލް ގެންގުޅޭ އާދައެކެވެ.

އައިފޯން 14 އަދި 13ގައި އައިއޯއެސް 17ގެ ބީޓާ އޯއެސް އެއްވެސް މައްސަލައެއް ނެތި ބޭނުން ކުރެވެއެވެ. ނަމަވެސް ބީޓާ އޯއެސް ތަކަކީ ވަކި މުއްދަތެއްގެ ތެރޭގައި ޓެސްޓުތައްކޮށް ބަގް އަދި ޕާފޯމަންސްގެ މައްސަލަތައް ރަނގަޅު ކުރުމަށް ދޫކޮށްލާ އޯއެސްއެކެވެ. އެހެންކަމުން ޑައުންގްރޭޑް ކުރަން ބޭނުން ހާލަތެއްގައި އައިފޯންގެ އައިއޯއެސް 16 ބެކަޕް ކޮށްފައި ބޭންދުމަކީ މުހިންމު ކަމެކެވެ.

އައިއޯއެސް 17 ބީޓާގައި ހިމެނޭ މުހިންމު އާ 10 ފީޗާސްއަކީ ސްޓޭންޑްބައި މޯޑާއި ފޯންކުރާ މީހާގެ ފޮޓޯ ނުވަތަ ޕޯސްޓަރު އެރުމާއި ލައިވް ވޮއިސްމެއިލްގެ އިތުރުން ޕާސަނަލް ވޮއިސް އަދި އޮފްލައިން އެޕަލް މެޕްސްގެ ހިދުމަތާއި ރައްޓެހިންނާއި އާއިލާއާ އެކުވެރިންނާ ޕާސްވޯޑް ހިއްސާކުރުން ހިމެނެއެވެ.

އޭގެ އިތުރުން އައިފޯން 2އެފްއޭ ކޯޑްތައް އޮޓޮމެޓިކުން ޑިލީޓް ކޮށްލާނެއެވެ. އަދި އާ އައިއޯއެސް 17 ގައި އިންޓަރެކްޓިވް ވިޖެޓްސް އާއި މެސެޖުތައް އާ ޔޫއައި އާއި ސްޓިކާސް ހިމެނޭއިރު ލޮލުގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކްރީން ޑިސްޓެންސް ނުވަތަ ފޯނު ލޮލާއި މާކައިރި ނުކުރުމަށްވެސް ހަނދާން ކޮށްދެއެވެ.