ސަރުކާރުގެ ސަބްމްރިން ކޭބަލް އަންނަމަހު ގުޅައިލެވޭނެ، ކަމަށާއި އެއާއެކު އިންޓަނެޓުގެ ސްޕީޑް ހަލުވިވެ އިތުރަށް އަގުހެޔޮވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި ވ.ރަކީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ރާއްޖެ މިއޮތް ގޮތުން ޒަމާނީ ޓެކްނޮލޮޖީއާއެކު އަޅުގަނޑުމެން ފައިހަމަކުރަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ހިދުމަތްތައް، އެމީހަކު ތިބި ތަނަކުން ފަސޭހައިން ލިބޭނެގޮތެއް ހޯދުމަށް ޑިޖިޓަލައިޒް ކުރަމުން ގެންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރުވީ ވައުދާ އެއްގޮތަށް އިންޓަނެޓްގެ ހިދުމަތުގެ އަގު ހެޔޮކޮށްފައިވާ ކަމަށެވެ. އެހިސާބުން އެކަން ނިންމާނުލައި މިހާރަށްވުރެން ހަލުވި، އަގުހެޔޮ ހިދުމަތެއް ރައްޔިތުންނަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން، "އިރާދަ ކުރެއްވިއްޔާ އޮގަސްޓްމަހުގެ މެދު ތެރޭގައި ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އެ އަޅާ ސަބްމެރިންކޭބަލް ރާއްޖެއަށް އެއްގަން ކުރެވިގެންދާނެ، ނަތީޖާއަކަށް ވެގެންދާނީ މިހާރު އަޅުގަނޑުމެނަށް މި ލިބޭ އިންޓަނެޓްގެ ހިދުމަތް އަގުހެޔޮވެ، ހަލުވިވެގެން ދިއުން،" ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން ކުރަން މިއުޅޭ ކަމަކީ އިންޓަނެޓްގެ ރީޓެއިލް ހިދުމަތުގެ ތެރެއަށް ވަނުން ނޫން ކަމަށާއި، މޯބައިލް ފޯނުގެ ހިދުމަތް ދޭން ނޫންކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރުން ކުރަން މިއުޅޭ ކަމަކީ ކޮންމެެހެން އިންޓަނެޓްގެ ރީޓެއިލް ހިދުމަތުގެ ތެރެއަށް ވަންނާކަށް ނޫން، މޯބައިލް ފޯނުގެ ހިދުމަތް ދޭކަށްނޫން، މިހާރުވެސް އެ ހިދުމަތް ދޭ ފަރާތްތަކާއި، އަލުން އޭގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން، ފަސޭހައިން އަގު ހެޔޮކޮށް، ދުނިޔެއާއި ގުޅުވާލާ ނިޒާމެއް އަޅުގަނޑުމެން މި ފޯރުކޮށްދެނީ، އަޅުގަނޑުމެން ރާއްޖެއަށް މި އެއްގަންކުރާ ސަބްމެރިން ކޭބަލް އެތެރެވުމާއެކީގައި ބޮޑުތަނުން އަދިވެސް އިންޓަނެޓްގެ އަގު ހެޔޮވެ އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ހަލުވިވެގެންދާނެ، މީގެ ސަބަބުން މިހެން ހުރި ރިމޯޓް ކުދި ރަށްތަކަށް ފަސޭހައިން ހިދުމަތް ހޯދުމުގައި ލުއިތަކެއް ލިބޭނެ،"

ރައީސް ވިދާޅުވީ، ކުރަން ނިންމާފައި ހުރި ހުރިހާކަމެއް ދަނީ ބަރާބަރަށް ކުރަމުން ކަމަށެވެ. އެކަންކަން ކުރުމުގައި ދިމާވި ދަތިތަކެއް އެބަހުރިކަމަށާއި، އެއީ ރާއްޖެއަށް ދިމާވި ކޮވިޑުގެ އާލަމީ ވަބާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުރަސްކުރަން ޖެހުނު އޮޅި ގިރާކުރަން އުނދަގޫވި، ނަމަވެސް މަޑުމަޑުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މިއަދު އާދެވިފައި މިތިބީ 2019 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު އޮތް ހިސާބަށް، މަސައްކަތްތަކެއް ކުރެވިއްޖެ، އިރާދަ ކުރެއްވިއްއްޔާ ރާއްޖޭގެ މުސްތަގުބަލު އުޖާލާ، އަޅުގަނޑުމެން މި ބޭނުންވާ އުފާވެރި އަމާން ރާއްޖެއަކަށް ވާސިލު ވުމުގައި އަޅުގަނޑުމެންގެ މި ވިސްނުމާއެކީ ތިބޭފުޅުން ކުރިއަށް ވަޑައިގަތީމާ މި ބޭނުންވާ އުފާވެރި އަމާން ރާއްޖެ، ޖަޒީރާ ރާއްޖެ ތިބޭފުޅުންނަށް ލިބިގެންދާނެ،"