އިލެކްޝަންސް ކޮމިޝަން (އީސީ)ން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރު މުނޫ މަހާވަރާ އާ ބައްދަލުކޮށްފިއެވެ.
އެ ބައްދަލުވުން ބާއްވާފައިވަނީ އީސީގެ އޮފީހުގަ އެވެ. ބައްދަލުވުމުގައި އީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އަދި އީސީގެ ޑިރެކްޓަރެކެވެ.
އީސީން ރޭ ކުރި ޓުވީޓެއްގައި ބުނީ އެ ބައްދަލުވުމަކީ އަންނަ ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމާ ގުޅޭ ގޮތުން އީސީން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް ކަމަށެވެ.
އީސީން އިއްޔެ ވަނީ ކޮމަންވެލްތާއެކު ވެސް ބައްދަލުވުމެއް ބާއްވައިފައެވެ.
އީސީން، އިންޑިއާ ސަފީރާ ބައްދަލުކޮށްފައިވާއިރު އިންޑިއާ މެދުވެރިކޮށް، ސަރުކާރުން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން އުޅޭކަމަށް ޕީޕީއެމް/ޕީއެންސީ ވަނީ ބުނެފައެވެ. އިދިކޮޅުން ވަނީ އެ ތުހުމަތު ތަކުރާރުކޮށް ސަރުކާރަށް އަމާޒުކޮށްފައެވެ. އެގޮތުން އިންތިހާބުގެ ވޯޓު އޮޅުވާލުމުގެ ކަންކަން އިންޑިއާއާ ގުޅިގެން ކުރަމުންދާކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އެ ޕާޓީގެ ރައީސް، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވާދަކުރައްވާނެކަން ވަނީ އިއުލާނުކުރައްވައިފައެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވަނީ އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.
އަލަށް އުފެއްދި ސިޔާސީ ޕާޓީއެއް ކަމަށްވާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާންކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު