ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކޮރެއާގައި މަރުވި މީހުންގެ އަދަދު 37 އަށް އަރައިފިއެވެ. މީގެ އިތުރުން މި ހާދިސާތަކުގައި ގެއްލުނު މީހުންގެ އަދަދުވެސް 10 އިން މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފާއިތުވެދިޔަ ފަސްދުވަހު ކޮރެއާގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާއިރު ކޮރެއާގެ ޗުންގްޗެޔޮންގް ޕްރޮވިންސު ހިމެނޭ ސަރަހައްދުގައި އޮންނަ ކޯރެއް ބަންޑުންވެ އެ ޕްރޮވިންސު އެއްކޮށް ފެންބޮޑުވެފައިވާކަމަށް ކަމާބެހޭފަރާތްތަކުން ވަނީ ބުނެފައެވެ.

މަރުވި މީހުންގެ އަދަދު 37 އަށް އަރާފައިވާއިރު ގިނަ މީހުން މަރުވެފައިވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ގެނބިގެން ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވެއެވެ.

ރެސްކިއު މަސައްކަތަށް އެތަކެއްސަތޭކަ ސިފައިން ނެރެފައިވާއިރު ކޮރެއާ ސަރުކާރުން ވަނީ ކަމާބެހޭ އިދާރާތަކުގެ ކުއްލި ބައްދަލުވުމެއް ބާއްވައި އެގައުމުގެ ހުރިހާ ވަސީލަތްތައް ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ނިންމާފައެވެ.