ކ.ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ އޯޕަން އިވެންޓްގައި ވާދަކޮށް ރާއްޖޭގެ ތަޖުރިބާކާރު ސާފަރު ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދައިފިއެވެ.

އުމުރުން 46 އަހަރުގެ އިބޫ މީގެ ކުރިންވެސް ސާފިންއިން ރާއްޖެއަށް ލޯ މެޑަލް ގެނެސްދީފައިވެއެވެ. އެއީ މިއަހަރުގެ ކުރިން އެންމެފަހުން 2019 ވަނަ އަހަރު ޖަޕާންގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކޮށެވެ. އޭގެ ފަހުން ކޮވިޑްގެ ހާލަތާއެކު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ނުބާއްވައި އޮތުމަށްފަހު މިއަހަރު ބާއްވަމުން ދަނީ ރާއްޖޭގައެވެ.

މެންސް އޯޕަން މިއަދު ކުރިއަށްދިޔަ ފައިނަލް ހީޓުގައި އިބޫ ވާދަކުރީ އިންޑޮނޭޝިއާގެ ޑަނީ ވިޑިއަންޓޯ އާއި ޖަޕާންގެ ރިކީ ސަޓޯ އަދި ޖަޕާންގެ އިކޯ ވަތަނާބޭއާ ދެކޮޅަށެވެ. ފައިނަލު ހީޓުގެ އެއްވަނަ ހޯދައި ރަން މެޑަލް ހޯދީ ވިޑިއަންޓޯއެވެ. އޭނާ ވަނީ 17.83ގެ ސްކޯއެއް ހޯދައިފައެވެ. ދެވަނަ ހޯދި ސަޓޯއަށް 13.90ގެ ސްކޯއެއް ލިބުނު އިރު، އިބޫއަށް ލިބުނީ 10.87ގެ ސްކޯއެކެވެ. ހަތަރު ވަނައަށް ދިޔަ އިކޯއަށް ލިބުނީ 10.73ގެ ސްކޯއެކެވެ.

މިއީ އިބޫއަށް މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ހޯދި ދެވަނަ މެޑަލްއެވެ. ދެން އޭނާ މެޑަލް ހޯދީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ބޭއްވި ފުރަތަމަ ޓީމް އިވެންޓް ކަމަށްވާ އަލޯހާ ކަޕުންނެވެ. އެ އިވެންޓުން ރާއްޖެ ތިންވަނަ ހޯދިއެވެ. އަލޯހާ ކަޕްގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ހިމެނެނީ އިބޫ، އަހުމަދު އާގިލް (އައްމަޑޭ)، ހޫދު އަހުމަދު އަދި ރާހިލް ނަސީމް (އާޔާ) އެވެ.