މި އަހަރު ރާއްޖެ އައި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ރާއްޖޭން މިއަދު މަރުހަބާ ކިޔައިފިއެވެ.

އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި އެމްއޭސީއެލްގެ އިސް ފަރާތްތަކުގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ހެނދުނު ބްރިޓިޝް އެއާވޭސްގެ ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެއް މިލިއަންވަނަ ޓޫރިސްޓަކީ އިނގިރޭސި ވިލާތުގައި ދިރިއުޅޭ ރަޝިޔާއަށް އުފަން އެންޓޮން ޕަވްލޯއެވެ. މިއީ އެންޓޯ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އޭނާ ރާއްޖެ އައީ އަންހެނުންނާއި ދަރިފުޅާއެކު ބ. އަތޮޅުގައި ހިންގާ ވައްކަރު ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން އެންޓޯ ބުނީ އާއިލާ އާއެކު ރާއްޖެ އަންނަން ބޭނުންވެފައި ހުންނަތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި އާދެވުނު ފުރަތަމަ ފަހަރުވެސް ލިބިގެން ދިޔައީ އުއްމީދުވެސް ނުކުރާވަރުގެ ސަޕްރައިޒެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖެ އަންނަން ބޭނުންވާ ކަމަށް ބުންޏެވެ.

"އަންނަ އަހަރުވެސް ރާއްޖެ އަންނަން ބޭނުން. ބޭނުމީ އަންނަ އަހަރު ރާއްޖެ އަންނަ ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް ވާން." އެންޓޯގެ އަންހެނުން ބުންޏެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް އެއް މިލިއަން ފަތުރުވެރިން ހަމަވެފައިވާއިރު ރަޝިޔާއާއި ޔޫކޭ ހިމެނެނީ އެންމެ ގިނައިން ފަތުރުވެރިން އަންނަ ތިން ގައުމުގެ ތެރޭގައެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ދެންނެވުމަށްފަހު މީޑިއާ އާ ވާހަކަދައްކަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ އޮފް ސީޒަނާ ދިމާކޮށް ފާއިތުވި ދެ މަސްތެރޭ ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ދަށްވި ނަމަވެސް މިހާރު ފަތުރުވެރިން އަންނަ އަދަދު އަނެއްކާވެސް އިތުރުވަމުން އަންނަ ކަމަށެވެ. އަދި ސީޒަނާ ދިމާކޮށް ފަތުރުވެރިންގެ އަދަދުތައް އިތުރުވާނެ ކަމަށާއި 1.9 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ހާސިލުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.