މ. ވޭވަށުން ޢަލީ ޔާމީން (ވަން އޮންލައިން)
އާބާދީގައި 300 މީހުން ހަމަނުވާ މުލަކު އަތޮޅުގެ އެންމެ ކުޑަ އާބާދީގެ ތެރެއިން އެއް އާބާދީއެވެ. މަސްވެރި ރަށެކެވެ. މަސް ކައްކައި ހިއްކުމުގެ އިތުރުން، މަހުން ތައްޔާރުކުރާ އެކި ބާވަތްތަކުގެ އުފެއްދުންތައްވެސް މި ރަށުގެ ރައްޔިތުން އާންމުކޮށް އުފައްދައި އުޅެއެވެ. މީގެ އިތުރުން ފައިބަރުގެ މަސައްކަތާއި ފަންގި ވިނުމާއި ދަނޑުވެރިކަމުގެ މަސައްކަތްވެސް މި ރަށުގެ ރައްޔިތުން ކޮށްއުޅެއެވެ. ބޮޑުބެރު ޖެހުމަކީ މިރަށުގެ ރައްޔިތުންގެ މެދުގައި މަގުބޫލު ކުޅިވަރެކެވެ. މިއީ ދިއްގަރު ދާއިރާގައި އޮންނަ 41.7 ހެކްޓަރުގެ ވޭވަށެވެ.
މި ރަށުގެ ބަނދަރުން ފުރަތަމަ އެޅި ފިޔަވަޅާއެކުވެސް ލޮލުގައި އަޅައިގަތީ މި ރަށަށް ޒިޔާރަތްކުރާ މީހުންނަށް ފުރަތަމަ މެހެމާންދާރީ އަދާކުރުމަށް ހަދާފައިވާ މި ރަށުގެ ރަމްޒެވެ. ދެ ކޯމަސް ރަމްޒުކޮށްދޭ ގޮތަށް މަރުހަބާ ޖަހާފައިވާ ރަމްޒުން މި ރަށަކީ މަސައްކަތްތެރި ބައެއް އުޅޭ ރަށެއްކަން ސާފުވިއެވެ. ނަމަވެސް މީގެ ކުރީ ސަރުކާރުތަކުން މި ރަށަކީ ބާކީކޮށްލައިފައި އޮތް ރަށެކެވެ. ރާއްޖޭގެ ޗާޓުގައި މި ރަށުގެ ނަން ފަނޑެވެ. ނަމަވެސް މި ސަރުކާރުން ވަނީ ކުޑަ އާބާދީއެއް އޮންނަ މި ރަށަށް ބިޔަ ބަރު މަޝްރޫއުތައް އޮއްސާލައިފައެވެ. އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ދައުލަތުން 48.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި ރަށުގައި ހަދާފައިވާ ތަނަވަސް ބަނދަރެވެ.
މި ރަށަށް މި ސަރުކާރުން ގެނެސްދީފައިވާ ތަރައްގީ، މި ރަށުގެ ރައްޔިތުން ސިފަކުރަނީ ދުބާއީގެ ގޮތުގައެވެ. ދުބާއީއަކީ ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައި އޮތް އެއް ސިޓީއެވެ. ހަނަފަސް ސަހަރާއަކުން އެތައް ބިލިއަން ޑޮލަރުގެ އަގުހުރި ސިޓީއަކަށް ދުބާއީ ބަދަލުވީ "ކުއްލިއަކަށް" ހިންގި ގިނަ މަޝްރޫއުތަކަކުންނެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލު މަންޒިލަކަށް މިހާރު އެ ވަނީ ވެފައެވެ.
"ވޭވަށް ދުބާއީގެ ގޮތުގައި ސިފަކުރުމުން އެއީ ބަޔަކަށް ޖޯކަކަށްވެދާނެ. ނަމަވެސް އަޅުގަނޑުމެން މި ވޭވަށް ދުބާއީ ގޮތަށް ސިފަކުރާ ސަބަބު މިއަދު އަޅުގަނޑު ދަންނަވާލާނަން. ހަގީގަތުގައި ދުބާއީ މިއަދު މި ފެންނަ ތަރައްގީވެފައިވާ ސިޓީއެެއްގެ ގޮތުގައި ފެންނަނީ ނިސްބަތުން ކުރު މުއްދަތެއްގެ ތެރޭގައި ނިސްބަތުން ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާތީ. ހަމަ އެެފަދައިން ފާއިތުވި ފަސް އަހަރަކީ އަޅުގަނޑުމެންގެ މި ވޭވަށުގައިވެސް ރައްޔިތުންގެ ހިޔާލަށްވެސް ނުގެނެވޭ ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގުނު ފަސް އަހަރު" އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް ވަޑައިގަނެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި މި ރަށު ކައުންސިލްގެ ރައީސް މަމްދޫހް ވަހީދު ވިދާޅުވިއެވެ.
މަމްދޫހް ވިދާޅުވި ގޮތުގައި ސަރުކާރުން މި ރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ މި ސަރުކާރުން ކުޑަ އާބާދީއެއް ބާކީ ނުކުރާނެ ކަމުގެ ހެއްކެކެވެ. އެގޮތުން ބަނދަރާއެކު، މި ރަށުގައި މި ސަރުކާރުން ކޮށްދީފައިވާ ބައެއް ކަންކަމުގެ ލިސްޓެއް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ރަށުގެ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމާއި މި ރަށު ސްކޫލުގައި ގްރޭޑް ދިހަޔަކާ ހަމައަށް ކިޔެވޭނެ ގޮތް ހަމަޖައްސައިދިނުމާއި އަބަދު ކަރަންޓު ކެނޑިކެނޑި އޮންނަ މި ރަށުގެ ރައްޔިތުންނަށް ހަމަ ނިދި ނިދައިލެވޭނެ ފަދަ ބޮޑު އިންޖީނުގެއެއް ހެދުމާއި މިހާރު މަސައްކަތް ކުރިއަށްދާ ކައުންސިލާއި މެޖިސްޓްރޭޓް ކޯޓާއި އައުޓް ޑޯ ޖިމް ފަދަ ތަންތަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނާ ހިޔާލުތަފާތުވާ މީހުންވެސް މި ރަށުގައި ތަރައްގީއަށް ކުރެވޭ ކަންކަން އުފަލާއެކު ބަލައިގަނޭ" މަމްދޫހް ވިދާޅުވިއެވެ.
ވޭވަށުގައި، ރައީސް މިއަދު ވަނީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކުރެއްވުމުގެ ސިޔާސަތު ތަކުރާރުކުރައްވައިފައެވެ. އެގޮތުން މި ރަށުގައި މި ސަރުކާރުން ކުރިއަށްގެންދިޔަ ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން ބަލައިގަނެފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އޭގެ ހެއްކެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ މީގެ ކުރިން ޕީޕީއެމުން ކޮންޓްރޯލް ކުރަމުން އައި ކައުންސިލްގެ ގޮނޑިތައް އެމްޑީޕީއަށް ދީލައިލުމެވެ.
"މި ރަށުގެ ކައުންސިލް އެކީގައި މިއޮތީ އެމްޑީޕީއާއެކީގައި. މި ރަށުގެ ރައްޔިތުން ރަށުގެ ތަރައްގީއަށް ޓަކައި މިކުރާ މަސައްކަތް ގަބޫލުކޮށް ތަރައްގީއާ އެކީގައި ކުރިއަށްދާން ތިބިކަމުގެ ނިޝާނެއް އޭގެން ފެނިގެންދަނީ. އުފާވެރި އަމާން ރާއްޖެއަކަށް އަޅުގަނޑުމެން މިކުރާ ދަތުރުގައި ވޭވަށް އަޅުގަނޑަށް ހަމަ ޔަގީން ހިމެނިގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް