ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެންގް ހައްޔަރުކުރަން އެ ގައުމުން އަމުރެއް ނެރެފިއެވެ.
އިތުބާރު ހުރި ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)ގެ ވެރިޔާ އޮންގް ހައްޔަރުކުރަން މިއަދު އަމުރު ނެރެފައިވަނީ ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްމަރަމަނިއަމް އިސްވަރަންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގަށެވެ. އެ މައްސަލަ ތަހުގީގުކުރަމުންދަނީ ކޮރަޕްޓް ޕްރެކްޓިސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އިންނެވެ.
އެކަމާ ގުޅިގެން އެޗްޕީއެލުން ނެރުނު ބަޔާނެއްގައި ބުނީ އޮންގްގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރާ ކަމަށާއި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށެވެ. އަދި މިވަގުތު ސިންގަޕޫރުން ބޭރަށް ވަޑައިގެން ހުންނެވި ނަމަވެސް، މިއަދު އެނބުރި ގައުމަށް ވަޑައިގެން އޮންގްގެ ޕާސްޕޯޓް ސީޕީއައިބީއާ ހަވާލުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މަޝްހޫރު ފޯ ސީޒަން އާއި އިންޓަކޮންޓިނެންޓަލް ހޮޓެލްސް އަދި މެރިއޮޓޮ އިންޓަނޭޝަނަލް ފަދަ ބްރޭންޑުތަކަކީ އޮންގްގެ ކުންފުނި އެޗްޕީއެލްގެ ބްރޭންޑުތަކެވެ. އެ ކުންފުނިން ރާއްޖޭގައި ވެސް ޖުމުލަ ނުވަ ރިސޯޓެއް ހިންގައެވެ. އެއީ ލަނޑާގިރާވަރު، ހޮލިޑޭ އިން ކަނޑޫމާ، ފޯސީޒަން ކުޑަހުރާ، ބަނޑޮސް އައިލެންޑް ރިސޯޓް، ގިލި ލަންކަން ފުށި، ސިކްސް ސެންސަސް ބައި ލާމު، ކޮކޯ އައިލެންޑް އަދި ކޮމޯ މާލެފުއްޓެވެ.
ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްމަރަމަނިއަމް އިސްވަރަންގެ ކޮރަޕްޝަންގެ އެ މައްސަލައާ ގުޅިގެން ވަގުތީގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެން ހުންނެވުމަށް ބޮޑުވަޒީރު ލީ ސިއެން ލޫންގް ވަނީ އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު