(7 ޖުލައިގެ އަދަދާ ގުޅޭ)
ކާވެނީގެ ބޭރުން ޖިންސީގުޅުން ހިންގުމަކީ ފިޠުރަތުގެ މި ޕްލޭން ފުނޑުފުނޑުކޮށް ފައިދަށުލައި ސުންނާފަތިކޮށްލުމެވެ. އެހެނީ ދެ ޖިންސުގެ ދެމީހަކު ބައްދަލުކުރުމުގެ ބޭނުމަކީ ހުސްއެކަނި އެދެމީހުންގެ ޝަހްވާނީ ޖަޒުބާތަށް ފިނިކަން ހޯދުންކަމުގައިވެފައި އިންސާނީ ނަސްލު ސިލްސިލާކުރަމުން ގެންދިޔުމުގެ މަޤްޞަދެއް ނެތްކަމުގައިވާނަމަ އިއްތިފާޤުން ބަލިވެއިންކަމުގައިވިޔަސް އަދި ކުއްޖަކު ވިހެއިކަމުގައިވިޔަސް ގިނަ ފިރިހެނުން އެކަމުގެ ޒިންމާއަކާ ޙަވާލެއް ނުވެއެވެ. އެކުއްޖެއްގެ ބަލަދުވެރިކަމާ ޙަވާލުވެ އެކުއްޖަކަށް ނަފަޤާތްދީ ތަރުބިޔަތުކުރުމުގެ ބުރައެއް ނުއުފުލައެވެ.
އިންސާނީ ތަމައްދުނާއި ރަށްވެހިކަން ކުރިއަރައިދަނީ ޢާއިލީ ނިޒާމުގެ ސަބަބުންނެވެ. ހުސްއެކަނި އެކަމަށްޓަކައިވެސް އިންސާނުންގެ މެދުގައި ޢާއިލީ ނިޒާމެއް އުފެދި އާލާވަމުންދިޔުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އިންސާނީ ތަމައްދުނެއް ވުޖޫދަށް އަންނަނީ އަންހެނަކާއި ފިރިހެނަކާ ގުޅިގެން ގެއެއް އާބާދުކުރުމުންނެވެ. ޢާއިލާއެއް އުފެއްދުމުންނެވެ. ދަރީން ލިބެމުން ޢާއިލާ ބޮޑުވަމުން ދިޔުމުންނެވެ. އެ ޢާއިލާގެ ދާއިރާގައި ކާފައިން މާމައިންނާއި މައިންބަފައިންނާއި ބޭބެއިން ކޮއްކޮއިންނާއި ޅިޔަންފަހަރީންނާއި އެނޫންވެސް ގާތްތިމާގެ މީހުން ހިމެނުމުންނެވެ. މިގޮތުން އެތައް ޢާއިލާތަކެއް ވުޖޫދުވެގެންއައިސް އެބައިމީހުންގެ މެދުގައި އެކުވެރިކަމާއި އެކުލުނުތެރިކަމާއި ޢާއިލީ ގުޅުން އުފެދުމުންނެވެ. އިންސާނުންގެ އިޖުތިމާޢީ ދިރިއުޅުން ފެށިގެން އަންނަނީ މިގޮތުންނެވެ. އިންސާނީ ތަމައްދުނު ކުރިފަޅައި ހެދޭންފަށަނީ މިގޮތުންނެވެ. ނަމަވެސް އަންހެނުންނާއި ފިރިހެނުންގެ ހިތްތަކުގައި އަމިއްލަ އެދުމާއި ވަކިހިލޭވުމަށް ލޯބިކުރާގޮތް ބިންވަޅުނެގި އެބައިމީހުން ބޭނުންތަކުގެ ދާއިރާ ހުސްއެކަނި ޝަހްވާނީ ހޫނުކަން ފިލުވައިލުމާއި ޖިންސީ ލައްޒަތު ލިބިގަތުމާ ހަމަޔަށް ހަނިކޮށް ތިމައުރެންގެ ބޭނުންތަކުގެ ދާއިރާގެ އިންފާރުލައިފި ކަމުގައިވާނަމަ އަދި އެބައިމީހުންގެ ހިތްތަކުގައި ޢާއިލާ އުފެއްދުމުގެ ޝައުޤުވެރިކަން ނޯންނަކަމުގައިވާނަމަ އިންސާނުންގެ އިޖުތިމާޢީ ދިރިއުޅުމުގެ މޫތައްދާނީ ކޮށި ބުރިބުރިވެގެންނެވެ. އެ ބިންގަލެއްގެ މަތީގައި އިންސާނީ ތަމައްދުނާއި ތަރައްޤީ ބިނާކުރެވޭ ބިންގާ ދެމިއެއް ނޯންނާނެއެވެ.
ޢާއިލާއަކީ އިންސާނީ ޙަޔާތުގެ ޚާއްޞިއްޔަތެކެވެ. އިންސާނުންނާއި އެހެނިހެން ޙަޔަވާނުންނާ ތަފާތުކޮށްދޭ މުހިންމު އެއްކަމަކީ ޢާއިލާއެވެ. ޝައްކެއްނެތެވެ. ޙަޔަވާނުންގެ ކިބައިގައިވެސް ޖިންސީ ޖަޒުބާތު ހުރެއެވެ. އެ ޖަޒުބާތުގެ އަވައިގައި ދެޖިންސުގެ ދޭތިބައްދަލުވެއެވެ. އޭގެނަތީޖާއެއްގެގޮތުން އެތަކެތީގެ ނަސްލު ދެމިގެން އާދެއެވެ. ނަމަވެސް ޙަޔަވާނުންގެ އާދައިގައިވާގޮތުން ޖިންސީގުޅުމަށްފަހު ލިބޭ ދަރިޔާއި ފިރިހެން އެއްޗަކާވެސް އަންހެން އެއްޗަކާވެސް ގުޅުމެއް ނޯވެއެވެ. ބައެއް ޙާލަތްތަކުގައި ގުޅުމެއް އޮތްކަމުގައިވިޔަސް އޮންނަނީ ވަރަށްވެސް ހީނަރު ގުޅުމެކެވެ. އަންހެން ޙަޔަވާނުން ދުވަސްކޮޅެއްވަންދެން އެތަކެތީގެ އައު ނަސްލު ރައްކައުތެރިކޮށް ބަލަހައްޓައެވެ. އެތަކެއްޗަށް ކިރިޔަކިރިޔާ ދިރިތިބެވޭވަރު ވަންދެނެވެ. އެހައިތަނުން މައިފިއްލައެވެ. އެއަށްފަހު އެކަތިއަނެކައްޗާ ދުރުހިލޭވެ ބީރައްޓެހި ވެދެއެވެ. ޢާންމުކޮށް ދެކެފަރިތަކަމެއްވެސް ނޯވެއެވެ. އެއާޚިލާފަށް އިންސާނުންގެ މައިދަރިވަންތަކަމާއި ދަރިޔާއި ބަފައިވަންތަކަމުގެ ގުޅުން ދެމިއޮވެއެވެ. ޢާންމު ފިޠުރީ އުސޫލުގައި ދެޖިންސު ބައްދަލުވެ ޖިންސީގުޅުން ޤާއިމުކުރަނީ މާތް މަޤްޞަދެއްގައެވެ. ދަރީން އުފަންވުމުން ދެމީހުންވެގެން ވަރަށްގިނަ ދުވަސްތަކެއްވަންދެން ދަރީން ގެންގުޅެ ބަލަހައްޓައެވެ. އެބައިމީހުންގެ މެދުގައި އުލްފަތާއި ހަމްދަރުދީއާއި ލޯބި އަބަދަށް ދެމިހުރެއެވެ. އެހެންމީހުންގެ ޙައްޤުތަކަށް ބަލައިލައި ތިމާގެ ޒިންމާ އަދާކުރުމުގެ ޚިޔާލު ދެމިހުރެއެވެ.
އިންސާނުންގެ ތެރެއިން ދެޖިންސުގެ ގުޅުމަކީ ހަމައެކަނި ޖިންސީ ހޫނުކަން ފިލުވައިލައި ޖިންސީ ޖަޒުބާތަށް ހަމަޖެހުން ލިބިގަތުންކަމުގައި ދެކޭމީހުން ތިމާމެންގެ އައު ނަސްލު ގެންގުޅެ ބަލަހައްޓާކަށެއް ޝައުޤުވެރިކަމެއް ނުހުރެއެވެ. ޙަޤީޤަތުގައި އެފަދަ މީހުންނަކީ އިންސާނިއްޔަތުކަމުގެ މަތިވެރި މަޤާމުން ޙަޔަވާނިއްޔަތުގެ ދަށުދަރަޖަޔަށް ވެއްޓިގަންނަ ބައެކެވެ.
ކުދީންގެ ވިހެއުމާއި ގެންގުޅެ ބޮޑުކުރުމުގައި އަންހެނުންގެ ދައުރު ފިރިހެނުންނަށްވުރެ މާމަތިވެރިއެވެ. ފިރިހެނުންގެ ދައުރަކީ މުޑުވައްކުރުމެވެ. ފިރިހެނުން ޖިންސީގުޅުން ހިންގުމަށްފަހު ދުރަށް ހިނގައިދެއެވެ. އެއަށްފަހު ދެން އަންނަ ހުރިހައި މަރުޙަލާތަކެއް ކަޑައްތުކުރަނީ އަންހެނުން އެކަނިމާ އެކަންޏެވެ. ނުވަމަސްދުވަސް ވަންދެންއުޅެ އަމިއްލަ ލެއިން ދަރިފުޅަށް ކާނާދީ ބޮޑުކުރެއެވެ. ވިހެއުމަށްފަހުވެސް ދެއަހަރު ވަންދެން މައިމީހާ އޭނާގެ ގާތުން ދަރިފުޅަށް ކިރުދެއެވެ. ކުދީން ދުނިޔެއަށް އަންނަނީ ނުހަނު ބަލިކަށި އަދި ޟަޢީފު ގޮތެއްގައެވެ. އެކުދީން ހުރިހައިގޮތަކުން ބަލަހައްޓާން ބޭނުންވެއެވެ. މައިން އެބައިމީހުންގެ ރޭނިންޖާއި އަރާމާއި އުފާތައް ދޫކޮށްލައިފައި ދަރިފުޅު ބަލައިބޮޑުކުރުމުގައި މަޝްޣޫލުވެއެވެ. މިއީ ވަރަށްދިގު މުއްދަތެއް ބޭނުންވާ ޚިދުމަތެކެވެ. އަންހެނާއާ އޭނާގެ ދަރިފުޅާ ބައްޕަޔާ ގުޅުން އޮންނަނީ މަންމަޔާއި ބައްޕަޔާ ދެމެދު ކާވެނީގެ މުޢާހަދާކުރެވި އެ މުޢާހަދާ ދެމިއޮންނަ ޙާލަތުގައެވެ. އެ ޙާލަތުގައި ފިރިހެނާ އަންހެނާއަށާއި ދަރިފުޅަށް އެކަށޭނަ ހުރިހައި އެހީތެރިކަމަކާއި އެއްބާރުލުމެއް ދެމުންގެންދެއެވެ. އަނބިމީހާއާއި ދަރީންގެ ނަފަޤާތުގެ ބުރައުފުލައެވެ. ވަސީލަތްތައް ހޯދައިދެއެވެ. މިދެންނެވި ޙިމާޔަތާއި އެހީތެރިކަމުގައި އަންހެނާ ހިތްހަމަޖެހުމާއި ރައްކައުތެރިކަން ލިބިގެންވާ މާހޫލެއްގައި ލޯތްބާއި ކުލުނުގެ ޖައްވެއްގައި އޭނާއާ ޙަވާލުވެފައިވާ މަސައްކަތްކުރަމުން ގެންދެއެވެ. ދެމީހުން ގުޅިގެން ކުއްޖާގެ ޖިސްމާނީ އަދި ނަފްސާނީ އަދި އަޚްލާޤީ ތަރުބިޔަތު ފުރިހަމަކުރަމުން ގެންދެއެވެ.
ކާވެނީގެ ބަނދެވުމެއް ނެތްކަމުގައިވާނަމަ ފިރިހެނާ އޭނާގެ މަސްއޫލިއްޔަތު ފުރިހަމައަކަށް ޤަބޫލެއް ނުކުރެއެވެ. ޒިންމާ އަދައެއް ނުކުރެއެވެ. އޭނާ އިންކާރުކުރާނަމަ ފުރިހަމަޔަށް ޒިންމާދާރު ކުރެވޭނެގޮތެއްވެސް ނޯވެއެވެ. ޚާއްޞަކޮށް ކާވެނީގެ ބޭރުން ލިބިފައިވާ ދަރީންނާ މެދުގައެވެ. މި ޙާލަތުގައި ހުރިހައި ބުރައަކާއި ހުރިހައި ޒިންމާއެއް އުފުލަންޖެހެނީ އަންހެންމީހާއެވެ. ހުރިހައި ގެއްލުންތަކެއް ލިބެނީ އޭނާއަށެވެ. ފިރިހެނާ އަންހެނާއާއެކު ވަގުތުކޮޅެއް ހޭދަކޮށް އެއްދާންކޮށްލުމަށްފަހު ނުކުމެގެން ދަނީއެވެ. އަންހެނާއަށް މަޖުބޫރުވަނީ ހުރިހައި ވޭނަކާއި ތުރާލަކާއި ފިކުރު ބޮޑުވުމެއް އެކަނިމާއެކަނި ބަރުދާސްކުރާށެވެ. ސޯޝިއޮލޮޖީގެ މާހިރުން ވަނީ މިނަހަމަކަމާއި ބޭއިންސާފާއި އަނިޔާވެރިކަން އިޙްސާސު ކުރައްވައިފައެވެ. އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވުން ފާޅުކުރައްވައިފައެވެ. ޑޮކްޓަރ ޕަރުލް ޝަރުމާ Live in Relationship އާ ބެހޭގޮތުން އިންޑިޔާއާއި ބައިނަލްއަޤްވާމީ ދުނިޔޭގައި ކަންހުރިގޮތާ ބެހޭގޮތުން ވާހަކަދެއްކެވުމަށްފަހު އެންމެފަހުން އޭނާގެ އިޙްސާސު ބަޔާންކުރައްވަނީ އަންނަނިވި ލަފުޒުތަކުންނެވެ.
"މިހާރަކަށްއައިސް ވަރަށްގިނަ ޢަދަދެއްގެ ބަޔަކު Live in Relationship ގެ ފަރާތަށް ލެނބެމުންދާކަމީ ވަރަށް ޙައްސާސު މައްސަލައެކެވެ. ތަފާތު ސަބަބުތަކާހުރެ ދިރިއުޅުމުގެ މިފާޑު މުޖުތަމަޢުގައި ދަނީ އާދަވަމުންނެވެ. އެކަމަކު ޒުވާން ޖީލު ޚާއްޞަކޮށް ފިރިހެނުން މިކަމަކީ ސީރިޔަސްކަމެއްގެ ގޮތުގައެއް ނުދެކެއެވެ. ޙަޔާތުގެ އެންމެ އުފާވެރި ދުވަސްވަރު އައުމުގެ ކުރީން ތިމާގެ ބައިވެރިޔާއަށް ބޭވަފާތެރިވެ އޭނާއާ ގުޅުން ކަނޑައިލައެވެ. އޭގެ ނަތީޖާ ފެނިގެންދަނީ އަންހެނުންނަށް ކުރިމަތިލާންޖެހޭ މާޔޫސްވުމާ، ރުޅިގަދަވުމާއި ނަފްސާނީ ފިއްތުންތަކާއި އުނދަގޫތަކުގެ ސިފައިގައެވެ. ވަރަށް ގިނަބަޔަކު އަމިއްލަޔަށް މަރުވާ ސަބަބަކަށް މިކަންތައް އެބަވެއެވެ."
VSRD International Journal of Technical and Non-Technical Research,
Vol. IV, Issue VIII, August 2013, Article: Live in Relationship: A Comparative Approach, by Parul Solanki Sharma, Asstt. Prof. School of
ކާވެންޏަކީ ވަރުގަދަ ބަނދެވުމެކެވެ. އަންހެނަކާއި ފިރިހެނަކާއި ދަރީންނާއި، ޢާއިލާގެ އެހެނިހެން މެމްބަރުން އެކަކުއަނެކަކާ ގުޅުވައިދޭ ބަދަހި ޢަޤްދެކެވެ. އެބައިމީހުންގެ މެދުގައި ލޯތްބާއި ހަމްދަރުދީއާއި ހެޔޮއެދުމާއި އެއްބާރުލުމުގެ ޖަޒުބާތު އުފައްދައި އާލާކުރާ ޢަޤްދެކެވެ. އެކަކު އަނެކަކަށް އެހީތެރިވެ މަދަދުވެރިވުމާއި އެއްބާރުލުމާއި އެކަކަށް ބޭނުންހިފޭ މީހަކަށް އަނެކަކުވުމުގެ ރޫޙު އެބައިމީހުންގެ މެދުގައި އުފައްދާ ކަމެކެވެ. މި ބަނދެވުން ނެތްކަމުގައިވާނަމަ އާލާވަނީ ފަރުދުންގެ އަމިއްލަ އެދުމެވެ. އެއީ އަމިއްލަ މަޞްލަޙަތު އިސްކުރުމެވެ. އެކަކު އަނެކަކާ ކައިރިވެލަނީ ތިމާގެ ބޭނުން ފުއްދުމަށްޓަކައެވެ. ތިމާގެ ބޭނުން ފުދޭއިރަށް އެކަކު އަނެކަކާ ދުރުހެލިވެ ދެފުށަށް އެނބުރިގަނެއެވެ. ގުޅުން ކަނޑައިލައެވެ. ކޮންމެ މީހެއްގެވެސް އޮންނަނީ އަމިއްލަ އެދުމެވެ. ނާޖާއިޒު ގޮތުގައި އަނެކެއްގެ ކިބައިން މަންފާ ލިބިގަންނާކަށެއްވެސް ޖެހިލުންވުމެއް ލަދުވެތިވުމެއް ނުހުރެއެވެ. މިގޮތަށް ކަންދިމާވުމުން އެންމެ ދެރަނަތީޖާއަކާ ކުރިމަތިލާންޖެހެނީ ބަނދެވުމެއްނެތް ޖިންސީގުޅުމުގެ ނަތީޖާއެއްގެގޮތުން ދުނިޔެއަށް އުފަންވާ ކުޑަކުދީންނެވެ. ރަނގަޅުގޮތުގައި އެކުދީން ގެންގުޅެ ބޮޑުކޮށެއް ނެހެދެއެވެ. ހެޔޮ ތަރުބިޔަތުދީ ހެޔޮ ޚުލުޤާއި ރަނގަޅު އަޚްލާޤު އަށަގަންނުވައި އެކުދީންގެ ޝަޚްޞިއްޔަތު ބިނާކޮށެއް ނުދެވެއެވެ. އެކުދީންނަކަށް ގޭތެރެޔަކުން ހިތްހަމަޖެހުމެއް ނުލިބެއެވެ. ޢާއިލާގެ އަމާން ވެއްޓެއް އެކުދީންނަކަށް ނުފެނެއެވެ. ނަތީޖާއެއްގެގޮތުން އެކުދީންވަނީ މުޖުތަމަޢު ރޫޅުމާއި ފާޙިޝްކަމާއި މުންކަރާތާއި ލަދުހުތުރުކަން ފަތުރައި ޢާންމުކުރުމުގެ ސަބަބެއް ކަމުގައެވެ. އާދޭހެވެ! އިމެއްނެތް ޢައްޔާޝީ ދިރިއުޅުމުގެ ނަތީޖާ ވަނީ އިންސާނީ ތަމައްދުނުގެ ހީރަސްކެނޑި ގަނޑުތައް ބުރަބުރައިގެން ދިޔުމުގެ ސަބަބެއް ކަމުގައެވެ. ފަރުދުންގެ ދިރިއުޅުން ހިތި ޒަހަރަށްވުމުގެ ސަބަބެއް ކަމުގައެވެ. މުޅި މުޖްތަމަޢު ދާއިމީ ހަމަނުޖެހުމާއި ބޭޤަރާރުކަމުގައި ހައްޔަރުވުމުގެ ސަބަބެއް ކަމުގައެވެ. މިއަދު މުޅި ދުނިޔެއިންވެސް ޚާއްޞަކޮށް ހުޅަނގުގެ މުޖުތަމަޢުން އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އޭގެ ނަތީޖާއެވެ.
ޢާއިލީ ނިޒާމާ ދެކޮޅުހައްދަވާ ފަރާތްތަކުން ކާވެނީގެ ބޭރުން ޖިންސީގުޅުން ހިންގުން ހުއްދަކުރައްވަން އެކަމުގެ ފައިދާތަކާ ބެހޭގޮތުން ދައްކަވާ ވާހަކަފުޅުތަކަކީ ވަހްމީ ވާހަކަފުޅުތަކެކެވެ. ޚިޔާލީ ވާހަކަފުޅުތަކެކެވެ. އެވާހަކަފުޅުތަކާ ޙަޤީޤަތާ ދެމެދު ދުރުތާ ތިމާގެކަމެއްވެސް ނެތެވެ. ކަންމިހެން ހުރުމާއެކުވެސް އެވާހަކަތައް ރަނގަޅުކަމުގައި ޤަބޫލުކުރިކަމުގައިވިޔަސް އޭގެސަބަބުން އިންސާނީ ތަމައްދުނަށް ބިރުވެރި އަދި ޢިބްރަތްތެރި އަސަރުތަކެއް ކުރާކަމީ އިންކާރު ނުކުރެވޭނެ ޙަޤީޤަތްތަކެކެވެ. އެހެންކަމުން ސަލާމަތްބުއްދި ލާޒިމުކުރަނީ އެކަމާ ދުރުހެލިވުމެވެ. އެކަން ހުއްޓުވޭނެ ތަދުބީރުތައް އިޚްތިޔާރު ކުރުމެވެ.
މި ނުރައްކައުތެރި އިޖުތިމާޢީ ރަވައްޔާ ހުއްދަކުރައްވަން ވަކާލާތުކުރައްވާ ފަރާތްތަކުން އެންމެބާރަށް ދައްކަވާ ވާހަކައަކީ ކާވެނީގެ ކުރީން އެކުގައި އުޅުމުން އެކަކު އަނެކަކު ދެނެގަތުމަށާއި ވިސްނައިގަތުމަށް އެހީލިބޭ ވާހަކައެވެ. ދުވަސްކޮޅަކު އެކުގައި އުޅެލައިފައި ކާވެނިކުރުމުން ކާވެނީގެ ގުޅުން ބަދަހިވެ ހަރުދަނާކަމާއެކު ގިނަދުވަހަށް ދެމިހުންނަ ކަމުގައެވެ. ނަމަވެސް މިއީވެސް ޙަޤީޤަތާ ވަރަށްދުރު ވާހަކައެކެވެ. އެމެރިކާގެ ނޭޝަނަލް ސެންޓަރ ފޮރ ހެލްތު ސްޓެޓިސްޓިކްސް އިން ވަނީ މިކަމާބެހޭގޮތުން 12571 މީހުންގެ ދިރާސާއެއް ކޮށްފައެވެ. އެ ދިރާސާއިން އެނގޭގޮތުގައި މުސްތަޤްބަލުގައި ކާވެނިކުރުމުގެ ބޭނުމުގައި އެކުގައި އުޅޭމީހުންނާއި ކާވެނިކުރާން ހަމަޖެހުމަށްފަހު ކާވެނިކުރުމުގެ ކުރީން ތަޖްރިބާކޮށްލަން އެކުގައި އުޅޭމީހުންނާއި ކާވެނީގެ ކުރީން އެކުގައި ނުއުޅޭމީހުންގެވެސް "ޖޯޑު ރޫޅުމުގެ" އެކަށޭނަކަން އޮންނަނީ އެއްވަރަކަށެވެ.
Jayson, Sharon, "Report: Cohabiting has little effect on marriage Success", USA Today, October 14, 2010.
(ނުނިމޭ)
ދީން
ދީން
ދީން
ދީން