އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނީ ބަޣާވާތަކުން ނޫން ކަމަށާއި އެހެން ނޫން ނަމަ، މިއަދު ހުރިހާ ބާޣީން ކޮނޑަށް ލައިގެން ނުހިންގަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ކ. މާފުށީގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ރީކޯ ވިދާޅުވީ 2008 ވަނަ އަހަރު ގެނެވުނު ވެރިކަން ބަޣާވާތަކުން ވެއްޓުމަށްފަހު އެމްޑީޕީގެ ހުރިހާ ކަމެއް ފުނޑުފުނޑުވެގެން ދިޔަ ކަމަށާއި މީހާގެ ނަފުސު ވެސް ހަލާކުވެ ދިޔައީ ކަމަށެވެ. އަދި އޭރު ބަޣާވާތެއް ކަމަށް ހީކުރެވުނު ނަމަވެސް ފަހުން މަންޒަރު ބަދަލުވީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއްކާ 2018 ވަނަ އަހަރު އަޅުގަނޑުމެންގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވައި، ވެރިކަން ހަވާލުކުރީ. ވެރިކަން ހަވާލުކުރީމާ ދެން މި އެނގުނީ ބަޣާވާތް އަންނަން ދިމާވި ގޮތް. ކޮށި ދަނޑު ގެއްލި، ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލޭ ހިސާބަށް ދިޔައީމާ އަލިފާން ކަހަލަ ރުޅި އައިސްގެން މީހަކު ދުއްވައިގަތީމަ މި އެނގުނީ ވީ ގޮތް. އެއީ ބަޣާވާތެއް ނޫންކަން. ބަޣާވާތެއް އައި ނަމަ، ހުރިހާ ބާޣީން ކޮނޑަށް ލައިގެން ނުހިނގާނެތާ މިއަދަކު. އަޅުގަނޑުތޯ ގޯހީ އެހެން ޕާޓީއަކަށް ދިޔައީމަ. އެހެންވީމާ މި ދަންނަވާލީ އެކަން ހިނގައިދިޔަ ގޮތަކީ މިއީ، ބަޣާވާތުގެ ނަން ގެނައީ،" އޭނާ ވިދާޅުވިއެވެ.

ރީކޯ ވިދާޅުވީ މިއަދު އެ ވާހަކަ ދައްކަން ލަދުވެސް ގަންނަ ކަމަށާއި މިހާރު އެންމެން އެކައްޗަކަށް ވެފައިވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކާ ހިލާފަށް މި ސަރުކާރުން ވިއްކާ ސިޔާސަތަކީ ތަރައްގީގެ ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ވިއްކާ ސިޔާސަތަކީ ބަނދަރު ހަދައިދޭނަމޭ، ނަރުދަމާ އަޅައިދޭނަމޭ، ރައްޔިތުންނަށް ބިން ހިއްކައިދޭނަމޭ، އަޅުގަނޑުމެންގެ ރައީސް ވިދާޅުވަމުން އެ ގެންދަވަނީ. އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ތެރޭގައި އަޅުގަނޑު ވެސް ރަށްރަށަށް ދިޔައިން. އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 47 ރަށަކަށް ދެވުނު. އެ 47 ރަށުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންނާ ބައްދަލުކުރެއްވި. ރާއްޖޭގެ އެއްވެސް ރަށެއް ނެތް ތަރައްގީގެ މަޝްރޫއެއް އަޅުގަނޑުމެންގެ ރައީސް ނުހިންގަވާ،" އޭނާ ވިދާޅުވިއެވެ.

ރީކޯ އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި އިނީ އެންމެ ޖުމުލައެއް ކަމަށާއި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރުން އެކަނި ކަމަށެވެ. އަދި އިދިކޮޅުގައި ތިބީ އެއްގަލަކަށް އެރޭނެ ބައެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.