އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްއަށް މިރޭ ސޮއިކުރައްވައިފިއެވެ.

ދަ ޑިމޮކްރެޓްސްއަކީ ނަޝީދަށް ތާއިދުކުރައްވާ އެމްޑީޕީއަށް ކުރިން ނިސްބަތްވާ މަޖިލިސް މެމްބަރުންތަކެއް އުފެއްދި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އަދި އެ ޕާޓީގެ ސިޔާސަތާއި ކުރިމަގު ބިނާކުރުމުގައި ނަޝީދުގެ ބައިވެރިވުން އޮވެއެވެ.

ދަ ޑިމޮކްރެޓްސްއަށް ނަޝީދު ސޮއިކުރެއްވީ އެކަމަށް ހާއްސަކޮށްގެން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާއެއްގައެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުން އަދި އެ ޕާޓީން ނަޝީދު ވަކިވެވަޑައިގެންފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބައްލަވައި އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ.

ނަޝީދު މިއަދު ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި ނަމަވެސް، އެ ޕާޓީ އުފެއްދުމުން ފެށިގެން އެ މަނިކުފާނު ގެންދަވަނީ އެ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެގޮތުން އެ ޕާޓީގެ ސިޔާސަތާއި އެ ޕާޓީގެ ކުރިމަގު ބައްޓަންކުރަންވީ ގޮތާ ގުޅޭ ގޮތުން ނަޝީދު ވާހަކަދައްކަވައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓެއް ވާދަކުރައްވާނެ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށްވެސް އެ ޕާޓީން ބުނެއެވެ.