ވެރިކަމުގައި ތިބޭ ބަޔަކު ނުކުމެ މުޒާހަރާ ކުރާނަމަ އެ ސިޔާސަތާމެދު ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކ. އަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކ. ގުޅިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމުގައި ތިބެ މުޒާހަރާއަށް ނުކުތް މަންޒަރަކީ ވެސް ދިވެހި ރައްޔިތުންނަށް ފެނިފައި އޮތް މަންޒަރެއް ކަމަށެވެ.

ނަމަވެސް ވެރިކަމުގައި ތިބޭ މީހުން މުޒާހަރާ ކުރަން ނުކުންނަން ނުޖެހޭނެ ކަމަށާއި އެކަން ކުރާނީ އިދިކޮޅު ފަރާތްތަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވެރިކަމުގައި ތިބެ މުޒާހަރާއަށް ނުކުންނަން ޖެހުން. އިދިކޮޅު ފަރާތްތަކުން ނުކުންނާނެ، ހިޔާލުފާޅުކުރާނެ، މުޒާހަރާކުރާނެ. އެހެންނަމަވެސް ވެރިކަމުގައި ތިބޭ ބަޔަކު ނުކުމެ މުޒާހަރާ ކުރަން ޖެހުނީމާ އެއީ ވިސްނަން ޖެހޭ ކަމެއް، އެ ސިޔާސަތާ މެދު އަޅުގަނޑުމެން ވިސްނަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ ތަކުރާރުކުރައްވައި ރައިސް ވިދާޅުވީ، އެ ވެރިކަމުގައި ސަރުކާރާ ދެކޮޅަށް ބަސް ބުނާ ކޮންމެ މީހަކު ހުރީ ޖަލުގައި ކަމަށެވެ.

"އަޅުގަނޑުމެން ހުދު މިތިބީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތިބެ ރައްޔިތުންގެ މަޖިލީހަށް ވަންނަން އުޅުނޭ ކިޔާފައި ދައުވާ ކޮށްފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނާ ރާއްޖޭގެ ވެރިކަން ރައްޔިތުން ހަވާލުކުރީ ގައުމަށް ހަމަޖެހުމާއި އަމާންކަން ގެނެސްދިނުމަށް ކަމަށެވެ. އަދި ދަތިތަކާއެކުވެސް އެ އަމާޒަށް ވާސިލުވެވިފައިވާ ކަމަށް ވިދާޅުވިއެވެ.