މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައަކާ ގުޅިގެން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުން ގއ.ވިލިނގިލި ހުސްނުހީނާގެ އަހްމަދު ޖަނާހު ރަފީގުގެ ވަޒީފާ އަނބުރާ އިއާދަ ކޮށްދިނުމަށް ހައިކޯޓުން އަމުރެއް ނުކުރިއެވެ.
މިއީ ރަފީގުގެ ދަށުން އެމްއޭސީއެލްގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒިފުންގެ ތެރެއިން ތިން މުވައްޒަފަކަށް، ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ އެ މުވައްޒަފުންގެ ފަރާތުން އެމްއޭސީއެލްގެ ޖިންސީ ފުރައްސާރަ ކުރުމާއި، ގޯނާކުރުން ހުއްޓުވުމާބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލައަކާގުޅިގެން އޭނާ ވަޒީފާއިން ވަކިކުރުމުން އުފެދިފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ޖަނާހު ވަޒީފާއިން ވަކިކުރީ 11 އޯގަސްޓް 2020 ގައެވެ. އެކަމާ ގުޅިގެން އޭނާގެ ފަރާތުން ދެ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. ފުރަތަމަ ހުށަހެޅި މައްސަލައަކީ އެ ކުންފުނީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާބެހޭ ކޮމިޓީ އަކީ ގާނޫނާ ހިލާފު ކޮމިޓީއެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ. ދެވަނަ މައްސަލައަކީ، އޭނާ ވަޒީފާއިން ވަކިކުރިކުރުން ސައްހަ ނޫންކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލައިގައި އޭނާ އެދިފައިވަނީ ކޮމިޓީގެ ނިންމުން ބާތިލުކޮށްދިނުމަށާއ،ި ސްޓާފް ފްލެޓްގެ އިތުރުން އޭނާއަށް ލިބެން އޮތް ވަޒީފާގެ ޕްރޮމޯޝަން ހިމެނޭގޮތަށް ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއ،ި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއ،ި ވަޒީފާއިން ވަކިވެފައިވާ ތާރީހުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކޮށްދިނުމާ ހަމައަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ލިބިދިނުމަށާއ،ި ވަޒީފާއިން ވަކި ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، 269،250 ރުފިޔާ އެމްއޭސީއެލް އިން ނަގައި ދިނުމަށެވެ.
ކޮމިޓީއާބެހޭގޮތުން ހުށަހެޅި މައްސަލައިގައި އެ ކޮމިޓީ ގާނޫނާހިލާފުކަމަށް ޖަނާހު ދައްކާފައިވާ ގާނޫނީ ނުކުތާއަކީ، ތިން މެންބަރުންނަށްވުރެން ގިނަ މެންބަރުން އެ ކޮމިޓީގައި ތިބުމުންނެވެ.
އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ އެ ކޮމިޓީއަކީ ގާނޫނީ ގޮތުން ސައްހަ ކޮމިޓީއެއް ނޫންކަމަށެވެ. އަދި ގާނޫނުގައިވާ ގޮތަށް ކޮމިޓީ އެކުލަވާލައ،ި އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންގާފައި ނުވާތީ 5000 ރުފިޔާއިން އެމްއޭސީއެލް ޖޫރިމަނާކުރަންވެސް ނިންމާފައިވެއެވެ.
ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށްވާތީ އާއި، އެކަމުގައި މައުލޫއީ އަދުލުވެރިކަން ގާއިމުކުރެވިފައިވާ ކަމަށް ބުރަވެވޭތީ، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އިއާދަކުރުމަށް އަމުރުކުރާނެ ހަމައެއް ނެތްކަމަށް ކަނޑައަޅާ ކަށެވެ. ނަމަވެސް މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ގާއިމުކުރަން ޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައިނުވާ ސަބަބަށްޓަކައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައ،ި ޖަނާހު ވަޒީފާއިން ވަކިކުރިއިރު އިތުރުގަޑީގެ ފައިސާ ނުހިމަނައި މަހެއްގެ މައްޗަށް ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުގެ ނިސްބަތުން ދެ މަސްދުވަހަށްވާ މުސާރަ އާއި އިނާޔަތްތައް 21 ދުވަހުގެތެރޭގައި ޖަނާހަށް ދިނުމަށްފަހ،ު އެކަން ތިން ދުވަހުގެތެރޭ އެންގުމަށް ވެސް އެމްއޭސީއެލްގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.
މި މައްސަލައިގައި ކޮމިޓީ މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެމްއޭސީއެލްއިން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއިރު ވަޒީފާގެ މައްސަލައިގައި ޓްރައިބިއުނަލުން ނިިންމި ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ޖަނާހުގެ ފަރާތުން މައްސަލަތައް ހައިކޯޓަށް ހުށަހެޅިއެވެ.
މި ދެ މައްސަލަ ބެލުމަށްފަހު ކޮމިޓީ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި، ވަނީ އެމްއޭސީއެލް ޖޫރިމަނާކުރި ބައި ޓްރައިބިއުނަލްގެ ނިންމުމުން ބާތިލު ކޮށްފައެވެ. އަދި ނަޖާހު ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަން ގާއިމްވެފައިވިޔަސް، ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިނުވާކަމަށް ކަނޑައަޅައި، އެކަމުގައި ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ވެސް ވަނީ ހުކުމް ކޮށްފައވެ.
ޚަބަރު
ޚަބަރު
ޚަބަރު