ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ނިޒާމުގެ ދަށުން ޒޯން ފަހެއްގައި ހިމެނޭ ގއ. އަދި ގދ. އަތޮޅުގައި ފެރީގެ ހިދުމަތް މިއަދު ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނި ގޮތުގައި، މިއަދުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް އާރުޓީއެލް ފެރީގެ ދަތުރުތައް ކޮށްދޭނީ ހިލެއެވެ. އެއީ ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، އެ ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމަށާއި ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުމަށް ކަމަށްވެސް ބުންޏެވެ.

އެ މުއްދަތުގައި ދަތުރުކުރުމަށް ޖާގަ ހޯދަން ގުޅަން ޖެހޭނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ.

އެމްޓީސީސީން ބުނީ، 20 ޖުލައިން ފެށިގެން ފެރީ ހިދުމަތުން ފައިސާ ނަގަން ފެށުމުން ކަސްޓަމަރުން ޓިކެޓު ގަންނަން ޖެހޭނީ އެ ކުންފުނިން އެ ކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރުޓީއެލް ޓްރެވަލް އެޕުން ކަމަށެވެ.

އަގު ނަގަން ފެށި ނަމަވެސް، އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.

އެމްޓީސީސީން ބުނީ، ޒޯން ފަހެއްގައި ގއ. އަދި ގދ. އަތޮޅުގެ އާރުޓީއެލް ފެރީ ހިދުމަތް ހަފުތާއަކު ހަތް ދުވަހު، އާރުޓީއެލް ބްރޭންޑުގެ ހަ ސްޕީޑް ފެރީ މެދުވެރިކޮށް ނުވަ ރޫޓަކުން ލިބޭނެ ކަމަށެވެ. ފެރީގެ ހިދުމަތުގެ ޝެޑިއުލް އާރުޓީއެލް ވެބްސައިޓް އަދި އާރުޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނާނެ ކަމަށްވެސް ބުންޏެވެ.