Close Election
Close
ޓެކްނޮލޮޖީ

އެންމެ އަވަހަށް 100 މިލިއަން ހަމަކުރި އެޕްލިކޭޝަނަކަށް ތްރެޑްސް، ޓުވިޓާއަށް ބޮޑު ގެއްލުމެއް

އާދަމް ނަސީރު

ފޭސްބުކްވެސް ހިންގާ މެޓާ ކުންފުނީގެ ފަރާތުން ޓުވިޓާ އާ ވާދަ ކުރަން ނެރުނު ތްރެޑްސް ލޯންޗުކުރިތާ ފަސް ދުވަހުގެ ތެރޭގައި 100 މިލިއަން ސައިންއަޕް ހުރަސްކޮށްފައިވާ ކަމަށް ސީއީއޯ މާކް ޒުކަބާގް ވިދާޅުވެއްޖެ އެވެ.

މީ އެންމެ އަވަހަށް 100 މިލިއަން ބައިވެރިން ހަމަ ކުރި ޗެޓްޖީޕީޓީ އަށްވުރެވެސް ކުރު މުއްދަތެކެވެ. އެހެން ކަމުން މީ މަޝްހޫރު ޓުވިޓާއަށް ބޮޑު ނުރައްކަލަކަށް ވެފައިވާ އެޕްލިކޭޝަނެކެވެ. ސަބަބަކީ ޓުވިޓާގެ ގިނަ ބަޔަކު ތުރެޑްސްއަށް ބަދަލުވަމުން ދިއުމާއި ޓުވިޓާ ދޫކޮށްލަމުން ދިއުމެވެ.

މި ދިޔަ ބުދަ ދުވަހު ލޯންޗުކުރި ތްރެޑްސް އިން މިހާ އަވަހަށް ބޮޑު ކުރިއެރުމެއް ހޯދައި ރެކޯޑްތައް ހަދަމުން އަންނައިރު، އެލޮން މާސްކް މިދިޔަ އަހަރު 44 ބިލިއަން ޑޮލަރު ދީފައި ގަނެފައިވާ ޓުވިޓާއަށް ފުރަތަމަ ފަހަރަށް މިވަނީ ސީރިއަސް ވިޔަފާރީގެ ނުރައްކަލެއް ކުރިމަތިވެފައެވެ. ތުރެޑްސްގެ ކުރިއެރުންތައް ބަލައި ދިރާސާކޮށް އަދި ތަހުލީލު ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މަޝްހޫރު ފަރާތްތަކާއި ސިޔާސީ ބޭފުޅުންނާއި ހަބަރު ކިޔާ މީހުން އަންނަނީ ކޮންމެ ދުވަހަކުވެސް އެ ޕްލެޓްފޯމާ ގުޅެމުންނެވެ. ޔޫބީއެސްގެ ދިރާސާއަކުން ދައްކާ ގޮތުގައި 100 މިލިއަން މީހުން ތުރެޑްސް އަށް މިހާ އަވަހަށް ވަނުމަކީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީއަށްވެސް ނުރައްކަލެކެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޓުވިޓާގައި އުޅޭ އަދި ކޮންމެ ދުވަހަކު ޓުވިޓާ ބޭނުން ކުރާ އަދަދު ހުރީ ގާތްގަނޑަކަށް 240 މިލިއަން ގައެވެ. ސިމިލާ ވެބް އިން ބުނާ ގޮތުގައި ތުރެޑްސް އަށް މީހުން ބަދަލުވާން ފެށުމާއެކު ކޮންމެ ދުވަހަކު ޓުވިޓާގެ ވެބް ޓްރެފިކް އޭގެ ކުރިއާ އަޅައިބަލާއިރު 11 ޕަސެންޓް ވަނީ ދަށްވެފައެވެ. ކޮންމެ ދުވަހަކު މަދުވެގެން 4 ޕަސެންޓް ދަށަށް ގޮސްދާނެ ކަމަށްވެސް ވަނީ ލަފާ ކުރެވިފައެވެ.

އިންޓަނެޓް އިންފްރާސްޓްރަކްޗާ ކުންފުނި ކްލައުޑްފްލޭއާގެ ސީއީއޯ މެތިއު ޕްރިންސް ވަނީ މިފަދަ ޓްރެޖެކްޓަރީއެއް ދައްކާ ގްރާފެއް ހިއްސާކޮށް، ޓުވިޓާގެ ޓްރެފިކް ދަށްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް ވަރަށް ފަހުން ޓުވިޓާ ހިންގުމާ ހަވާލުވެވަޑައިގެންނެވި ޓުވިޓާގެ ސީއީއޯ ލިންޑާ ޔަކާރީނޯ ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުން އެ ޕްލެޓްފޯމް އެންމެ ގިނަ މީހުން ބޭނުން ކުރީ މި ދިޔަ ހަފުތާގެ ހޯމަ ދުވަހު ކަމަށާއި އަދި ޓުވިޓާ އާ ވައްތަރު އިތުރު އެޕްލިކޭޝަނެއް ނެތް ކަމަށާއި ވުޖޫދުގައި އަދިވެސް އޮތީ އެންމެ ޓުވިޓާ އެޕްލިކޭޝަނެއް ކަމަށެވެ.

އެހެން ނަމަވެސް މަޝްހޫރު އިންސްޓަގުރާމްގެ ތެރެއިން އުފެދިގެން އައި ތުރެޑްސް އަކީ ޓުވިޓާގެ ހުރިހާ ސިފަތަކެއް ހިމެނޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގެ ނުރައްކާ ޓުވިޓާއަށް ބޮޑުވެ އިންޒާރުގެ ސިޓީއެއްވެސް ވަނީ ފޮނުވާފައެވެ.