ނ. ހޮޅުދޫގައި މަގު ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ތިން މުވައްޒަފެއްގެ ގައިމައްޗަށް ފާރެއް ވެއްޓި އަނިޔާވެއްޖެއެވެ.
ހޮޅުދޫ ކައުންސިލުގެ ރައީސް ރިލްވާން މުހައްމަދު "ވަން" އަށް މިރޭ ވިދާޅުވީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މަގު ކޮންނަނީ ފާރުތަކާ ވަރަށް ކައިރިން ކަމަށާއި އެ ހާދިސާ ހިނގައިފައިވަނީ އެގޮތަށް މަގު ކޮނުމުގެ މަސައްކަތް މިއަދު 5:20 ހާއިރު ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އަނިޔާވެފައިވަނީ އެ ރަށުގެ ތިން މީހަކަށް ކަމަށް ވިދާޅުވިއެވެ.
ރިލްވާން ވިދާޅުވީ އެ ހާދިސާގައި އަނިޔާވި ތިން މީހުންނަށް ވެސް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ހޮޅުދޫ ސިއްހީ މަރުކަޒުން ކަމަށާއި ފަހުން އެ ތިން މީހުން، އިތުރު ފަރުވާއަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
"އުނގޫފާރު ހޮސްޕިޓަލުން މިހާރު ވަނީ ދެ މީހަކު ދޫކޮށްލައިފައި. އަޅުގަނޑު ގުޅާފަ މައުލޫމާތު ސާފުކުރީމާ ދެންނެވީ ބޮޑަށް އަނިޔާވި ތިންވަނަ މީހާ އިތުރު ފަރުވާއަށް މާލެ ގެންދަން ޖެހިދާނެ ކަމަށް. އޭނާ މާލެ ގެންދާނެ ކަމަށް އަޅުގަނޑަށް ބެލެވޭ. ސީރިއަސްވީމަ،" ރިލްވާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހޮސްޕިޓަލުން ދޫކޮށްލި ދެ މީހުންގެ ތެރެއިން އެކެއްގެ ބޮލަށް އަނިޔާވި ކަމަށާއި އަނެކަކުގެ ކޮނޑު ކަށިގަނޑު ބިނދިފައިވާ ކަމަށެވެ.
އެންމެ ބޮޑަށް އަނިޔާވި މީހާގެ ޅިނދުކަށިގަނޑު ހަތަރު ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށާއި އޭނާއަށް ރަނގަޅަށް ހަރަކާތްތައް ވެސް ނުކުރެވޭ ކަމަށް ރިލްވާން ވިދާޅުވިއެވެ.
ޕްލޭނިން މިނިސްޓްރީން، ހޮޅުދޫ މަގުތައް ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ 4.6 މިލިއަން ޑޮލަރަށް 15 މަސްދުވަހުން ނިންމާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު