ގއ. ކޫއްޑޫ އަދި ގދ. ތިނަދޫގައި އަލަށް ގާއިމުކުރުމަށް ހަމަޖެހިފައިވާ މަސްވެރިކަމުގެ ފެސިލިޓީތަކުގެ ސިވިލް މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިފްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމާއީލް ފައުޒީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މިފްކޯއިން މިއަދު ބުނީ އެމްޓީސީސީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ކޫއްޑޫގައި އަލަށް ގާއިމުކުރާ ބްރައިން ފްރީޒިން ބިލްޑިންގެ ފައުންޑޭޝަނާއި ބްރައިން ޓޭންކުގެ ކޮންކްރީޓް މަސައްކަތާއި، 50 ރީފާ ކޮންޓެއިނަރުގެ ކޮންޓެއިނާ ޔާޑެެއް ހެދުމުގެ މަސައްކަތުގެ އިތުރުން މިފްކޯގެ މަދާވެސަލްތައް ކޫއްޑޫއަށް ގާތްކުރުމަށް ބޭނުންވާ އަންލޯޑިން ޕްލެޓްފޯމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ތިނަދޫގައި އަލަށް ގާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ފައުންޑޭޝަނާއި ބްރައިން ޓޭންކްގެ ކޮންކްރީޓް މަސައްކަތުގެ އިތުރުން އެ ފެސިލިޓީގައި ގާއިމުކުރާ އެހެނިހެން އިމާރާތްތަކުގެ މަސައްކަތާއި ބަނދަރުން ބައެއް ކޮންކްރީޓް ޕޭވްކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ ކަމަށް މިފްކޯއިން ބުންޏެވެ.

"މިއަދު އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރި މަސައްކަތްތައް ނިމުމުން ހުވަދު އަތޮޅުން މަސްވެރިކަމުގެ މޫސުމުގައި މަސްގަތުމުގައި މިހާރު ދިމާވަމުންދާ މައްސަލަތަކަށް ހައްލުތަކެއް ލިބިގެންދާނެއެވެ. މިގޮތުން ދުވާލަކަށް މަސްގަނެވޭ މިންވަރު އިތުރުވެ، އަދި މަސް ރައްކާކުރާނެ ޖާގަ އިތުރުވެގެންދާނެއެވެ. އަދި މަސްވެރިން މަސްކިރުމަށް ކިޔުގައި މަޑުކުރަންޖެހޭ ވަގުތު މަދުވެ، މަސްވެރިކަން ކުރަން ނުކުންނަން އިތުރު ވަގުތު ލިބިގެންދާނެއެވެ..،" މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ ކޫއްޑޫގެ ބަނދަރަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ބަނދަރު ބޮޑުކޮށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.

ސައުދީ ފަންޑުގެ އެހީގައި ކޫއްޑޫގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޯޖެއް ހަދައިދޭނެ ބަޔަކު ހޯދަން ވެސް މިފްކޯއިން ވަނީ އިއުލާންކޮށްފައެވެ. އެ ކޯލްޑް ސްޓޯރޭޖް ނިމުމުން މިފްކޯއަށް ދުވާލަކަށް މަސްގަނެވޭ މިންވަރު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.