މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ ހުރި ދަބަހަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގެންފައި ނުވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާއާއި ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުންނަވައި 21 ސެޕްޓެމްބަރު 2021ގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އޭރު އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމުގައި ހުންނެވި ރައީސް ސޯލިހު ނެންގެވި ކަމަށާއި ރައީސް ގެންދެވި ފައިސާ 35 މިލިއަނަށްވުރެ ގިނަވާނެ ކަމަށެވެ.
ނަމަވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމުން މިއަދު އެނބުރި މާލެ ވަޑައިގެން މީޑިއާތަކާ ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ތުހުމަތުކުރި މައްސަލާގައި ރާއްޖޭން ބޭރަށް ފުރީއްސުރެ، ލަންޑުގައި ހުންނަވައި ދެއްވި ޕްރެސް ކޮންފަރެންސާ ހަމައަށް އޭނާ ފްރޭމް ކުރީ ކޮންބައެއްކަން ނޭނގޭ ކަމަށެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެކަމުގައި ފަހަތުގައި ތިބީ ޕީޕީއެމްއާއި ޖޭޕީން ނޫންކަން ޔަގީންވި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު އެ ދުވަހުގެ ޕްރެސް ކޮންފަރެންސް ބޭނުންކުރީ ސްމޯކް ސްކްރީނަކަށް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު އެ ލަފުޒު އަމާޒުކޮށްލީ ސްމޯކް ސްކްރީނަކަށް. ސަބަބަކީ އެމްޑީޕީގައި އަޅުގަނޑުމެން އެންމެން އުޅެފިން. އެމްޑީޕީ އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭނެ.. ހަމަލާ އައީ އެތެރެއިން. ހަމަލާ އައީ އެތެރެއިން. އަޅުގަނޑަށް އެ ދުވަހުގެ ފަހުން ޔަގީންވެ ކަށަވަރުވާ ވަރަށް ޔަގީންވި ކޮން ދިމާލަކުންކަން،" ފްރޭމް ކުރީ އެމްޑީޕީންކަން ފާހަގަކޮށް އަލީ ވަހީދު ވިދާޅުވިއެވެ.
"އަޅުގަނޑު އެ ދުވަހު ބޭނުންކުރީ ސްމޯކް ސްކްރީނެކޭ. އަޅުގަނޑު ފަހަތުގައި ވިއްދާފަ ހުރީ ކޮން ހިމައެއްތޯ ޔަގީންކުރަން. ހަނގުރާމައިގެ މައިދާނުގައި ނަސްރު ހޯދުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ދީނުގައިވެސް އޮވޭ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 35 މިލިއަން ނަގާކަށް ނުޖެހޭނެ އެއަށްވުރެ ލިބޭ ބޭފުޅެއް އެއީ،"
"ތި ވިދާޅުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ހިޔާނާތުގެ ފައިސާ) ނެންގެވިތޯއޭ. ނުނަންގަވައޭ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެއަށްވުރެ ލިބޭ ބޭފުޅެއް. އެހެންވެ ނަގާކަށް ނުޖެހޭނެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަޅުގަނޑާއި ރައީސް ނަޝީދާ އޭރު އެމްޑީޕީގެ ވެރިންނަށް ތިބީ. މި ކިޔަނީ 2015، 2013 ހިސާބުގެ ވާހަކަ ދެއްތޯ. އޭރު އެމްޑީޕީގެ ލީޑާޝިޕުގައި ތިބީ ކޮންބައެއްކަން އެނގޭނެ. އެހެންވެ އަޅުގަނޑު ކުރަނީ ކޮންކަމެއްކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަނީ ކޮންކަމެއްކަން، ރައީސް ނަޝީދު ކުރައްވަނީ ކޮންކަމެއްކަން އަޅުގަނޑުމެން ތިން މީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ،" އަލީ ވަހީދު އިތުރަށް ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، އޭނާ ފްރޭމް ކުރުމުގައި ރައީސް ސޯލިހާއި ރައީސް ޔާމީންގެ ބައިވެރިވުމެއް އޮތް ކަމަށް ގަބޫލުނުކުރައްވަ ކަމަށެވެ. ނަމަވެސް ދެން ސިޔާސީ މައިދާނުގައި ތިއްބެވި ވެރިންގެ 'އަތާއި ފައި' އެކަމުގައި އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު