އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ދޭ ހާއްސަ ލީޑާޝިޕް ޕިން، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް)ގެ ތަޖުރިބާކާރު ޖެނެރެލް ސެކެރަޓަރީ އަހްމަދު މުންތަގިމްއަށް މިއަދު އަރުވައިފި އެވެ.
ތައިލެންޑްގައި މާދަމާ ފަށާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިން ބޭއްވި އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަންގެ އާންމު ބައްދަލުވުމުގައި މިއަދު މުންތަގިމްއަށް ލީޑާޝިޕް ޕިން އަރުވާފައި ވަނީ އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ގަތަރުގެ ދަހްލާން އަލް ހައްމާދެވެ.
އޭޝިއާގެ އެތުލެޓިކްސްގެ ބެލެނިވެރި ފަރާތް ކަމަށްވާ އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން އަރުވާ ލީޑާޝިޕް ޕިން އަކީ އެތުލެޓިކްސްގެ ހިދުމަތްތެރިންނަށް އަރުވާ ޝަރަފުވެރި ޕިނެކެވެ. އެ ޕިންނަށް ހިދުމަތްތެރިން ނޮމިނޭޓް ކުރުމުން ނަންތައް ވިލަރެސް ކުރަނީ ސީދާ އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުގެ ކައުންސިލް މެންބަރުންނެވެ.
"ވަން ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުންތަގިމްގެ ނަން މިފަހަރު ނޮމިނޭޓް ކުރެއްވީ ސީދާ އެސޯސިއޭޝަންގެ ރައީސް ހައްމާދެވެ.
އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުގައި މެންބަރު 45 ގައުމެއް ތަމްސީލުކުރަމުން އަންނައިރު، އެ ގައުމުތަކުގެ ތެރެއިން ލީޑާޝިޕް ޕިން ލިބިފައި ވަނީ މަދު ބަޔަކަށެވެ.
"މުންތަގިމްއަކީ ރާއްޖޭގެ އެތުލެޓިކްސްގައި އެންމެ ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އެކަކު. ދުނިޔޭ ފެންވަރުގެ ޓެކްނިކަލް އޮފިޝަލެއް. މިދިޔަ 10 އަހަރު ރާއްޖޭގެ އެތުލެޓިކްސްގައި ހޯދަމުންދިޔަ ކުރިއެރުންތަކުގައި އެންމެ ބޮޑު މަސައްކަތެއް ކުރައްވަމުންގެންދެވި ބޭފުޅަކީ މުންތަގިމް. ހައްގުވާ ޝަރަފެއް މުންތަގިމްއަށް މި ލިބުނީ. އެތުލެޓިކްސްއަށް އޭޝިއާ ފެންވަރުގައި އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ފަރާތެއް މުންތަގިމްއަކީ. އަމިއްލަ އިސްނެގުމުގައި ވަރަށް ގިނަ ކަންތައްތަކެއް ކޮށް، މުންތަގިމް ވަނީ ވަރަށް ގާތް ގުޅުންތަކެއް އެކިއެކި ގައުމުތަކުގެ އެތުލެޓިކްސް އެސޯސިއޭޝަންތަކާވެސް ގާއިމު ކޮށްފައި،" ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ މުންތަގިމްއަށް ލިބުނު ޝަރަފަކީ ރާއްޖެއަށް ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ. ދިވެހީން ފަހުރުވެރިވާން ޖެހޭ ޝަރަފެއް ކަމަށެވެ.
މުންތަގިމް އެތުލެޓިކްސްގެ ޖެނެރަލް ސެކްރެޓަރީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާތާ މިހާރު ގާތްގަނޑަކަށް 20 އަހަރު ވެއްޖެއެވެ. އޭގެ ކުރިންވެސް މުންތަގިމް އެތުލެޓިކްސްގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، އެކިއެކި ދިވެހި ކޮންޓިޖެންޓްތަކާ ހަވާލުވެ ގޭމްސްތަކަށްވެސް މުންތަގިމް ވަނީ ގޮސްފައެވެ. އޭނާއަކީ މިވަގުތު ރާއްޖޭގައި ހުރި ކުޅިވަރުގެ އެންމެ އިސް އެއް ހިންގުންތެރިޔާ އެވެ.
މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ އަހުމަދު އަޒީލްއަށް ވަނީ ވޯލް އެތުލެޓިކްސްގެ ރެފްރީ ބްރޯންޒް ލެވެލްވެސް ލިބިފައެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް