އޭޓީއާރުގެ އިތުރު ދެ މަތިންދާ ބޯޓަށް ފައިނޭންސް ކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވިއަނުން އިއުލާންކޮށްފިއެވެ.
މޯލްޑިވިއަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުންޏަށް އޭޓީއާރު 42-600 މަރުކާގެ ދެ މަތިންދާ ބޯޓު ފޯރުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. މިއީ އޭޓީއާރު ކުންފުންޏާއެކު 42-600 މަރުކާގެ ދެ މަތިންދާ ބޯޓު ގަތުމަށް އޯޑަރު ކޮންފަމޭޝަންގެ އެންމެ ފަހު މަރުހަލާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އޭގެ ތެރެއިން އެއް މަތިންދާ ބޯޓު މިއަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެއަށް ޑެލިވަރީ ކުރާނެ ކަމަށާއި އަނެއް ބޯޓު 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑެލިވަރީކުރާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އެ ދެ މަތިންދާ ބޯޓަށް ފައިނޭންސް ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފުކުރުމަށްފަހު މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އޭޓީއާރު އެއާކްރާފްޓަކީ މިހާރު މޯލްޑިވިއަނުން ބޭނުންކުރާ ޑޭޝް8 މަރުކާގެ އެއާކްރާފްޓުތަކާ އަޅައިބަލާއިރު އޮޕަރޭޓު ކުރުމުގެ ހަރަދު އެތައް ގުނައަކަށް ކުޑަ އެއާކްރާފްޓުތަކެކެވެ. ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ސްޕެއާ ހޯދުމަށް ދިމާވާ ގޮންޖެހުންތަކާއި ސްޕެއާ ގަތުމަށް ކުރަން ޖެހޭ ހަރަދު ބޮޑު އިރު، އޭޓީއާރް އެއާކްރާފްޓުތަކުން ފިއުލް ހަރަދު ކުޑަވުމާއި މެއިންޓެނަންސަށް ކުރަން ޖެހޭ ހަރަދުވެސް ކުޑައެވެ. މި ބަދަލާއެކު ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ސަބަބުން އެ ކުންފުންޏަށް އުފުލަން ޖެހިފައިވާ މާލީ ބުރައަށްވެސް ލުއިތަކެއް ލިބިގެންދާނެއެވެ.
ދާދިފަހުން މޯލްޑިވިއަނުން ވަނީ އޭޓީއާރު މަރުކާގެ ތިން ބޯޓެއް ގެނެސް، އެ ބޯޓުތައް ބޭނުންކުރަން ފަށައިފައެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އަށް އޭޓީއާރު މަރުކާގެ ތިން ބޯޓު ގަންނަން ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު ސޮއިކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.
އެ އެއްބަސްވުމުގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހު ދެ ބޯޓު ރާއްޖެ ގެނެސްފައިވެއެވެ. އެއީ އޭޓީއާރު 600-72 ގެ މުޅިން އާ ދެ ބޯޓެވެ. އެ ދެ ބޯޓުގެ ދަތުރުތައްވެސް ވަނީ ފަށައިފައެވެ. އަދި މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ގެނައީ އޭޓީއާރު 400-72 ގެ މުޅިން އާ ބޯޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު