އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވަން ނިންމަވައިފިއެވެ.

ދަ ޑިމޮކްރެޓްސްއަކީ ނަޝީދަށް ތާއިދުކުރައްވާ އެމްޑީޕީއަށް ކުރިން ނިސްބަތްވާ މަޖިލިސް މެމްބަރުންތަކެއް އުފެއްދި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އަދި އެ ޕާޓީގެ ސިޔާސަތާއި ކުރިމަގު ބިނާކުރުމުގައި ނަޝީދުގެ ބައިވެރިވުން އޮންނާނެކަމަށް އެ ފަރާތްތަކުން ވަނީ ކުރިން ބުނެފައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު "ވަން" އަށް މިރޭ ވިދާޅުވީ ނަޝީދު އެ ޕާޓީއަށް ސޮއިކުރައްވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަޝީދު ޕާޓީއަށް ސޮއިކުރައްވާ ޖަލްސާ އެރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުން އަދި އެ ޕާޓީން ނަޝީދު ވަކިވެވަޑައިގެންފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާގޮތަށް ބައްލަވައި "އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭކަމުން، އަޅުގަނޑު ތިޔަޕާޓީން ވަކިވި ވާހަކަ ދެންނެވިން،" ކަމަށެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނިއުސް ކޮންފަރެންސްގައިވެސް، އެމްޑީޕީން ވަކި ވަޑައިގެންނެވުމުގެ އިޝާރާތެއް ކުރެއްވުމަށްފަހުގައެވެ. އޭގެ ކުރިން އެމަނިކުފާނު ވިދާޅުވެފައިވަނީ މަރު ވަންދެން ހުންނަވާނީ އެމްޑީޕީގައި ކަމަށެވެ. އެ ފަހުން ވިދާޅުވެފައިވަނީ އެމަނިކުފާނު ދަ ޑިމޮކްރެޓްސްއިން ފެނިވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ނަޝީދު ގެންދަވަނީ މިފަހުން ދަ ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން އެ ޕާޓީގެ ސިޔާސަތާއި އެ ޕާޓީގެ ކުރިމަގު ބައްޓަންކުރަންވީ ގޮތާ ބެހޭގޮތުން ނަޝީދު ވާހަކަދައްކަވައެވެ. އަދި ވިދާޅުވެފައިވަނީ މިއަހަރު އުފެދޭ ސަރުކާރުގައި ދަ ޑިމޮކްރެޓްސްގެ ބައިވެރިވުން ހިމެނޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވެފައިވަނީ ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ މެޖޯރިޓީ ކަމަށާއި ދަ ޑިމޮކްރެޓްސް އުފައްދަން ޖެހުނީ، އެމްޑީޕީ ހިންގެވުމުގައި ތިއްބެވި ބޭފުޅުން ޕާޓީގެ ސިޔާސަތުތަކާ ދުރަށް ވަޑައިގަތަމުން ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓެއް ވާދަކުރައްވާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އެހެންކަމުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ނަޝީދު ވަނީ ވާދަކުރައްވައިފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނަޝީދަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.