ރާއްޖޭގައި ވެރިކަން ރަނގަޅަށް ކުރެއްވި ވެރިއަކާ އަދި ދިމާނުވާ ކަމަށާއި އެހެންކަމުން ގޯސް މީހާއަށް ވެސް ރަނގަޅު ކަމެއް ނޫނީ ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުން މުހިންމު ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދަށް ތާއިދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ އުފެއްދި ސިޔާސީ ޕާޓީއެއް ކަމަށްވާ "ދަ ޑިމޮކްރެޓްސް" އިން އެ ޕާޓީގެ ހަރުގޭގައި މިރޭ ބޭއްވި "ގާނޫނު އަސާސީއަށް ގެންނަން ފެންނަ ނިޒާމީ ބައްދަލުތައް، ރައީސް ނަޝީދާއެކު" ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ވެރިކަމަށް ރަނގަޅު މީހަކު ހޯދުމުގެ ބަދަލުގައި މަސައްކަތް ކުރަންވީ ރަނގަޅު ނިޒާމެއް ގާއިމުކުރަން ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ކެންޑިޑޭޓެއް ނޫން މުހިންމީ. ސިޔާސަތު މުހިންމީ. އަޅުގަނޑުމެން ކޮންމެ މީހަކުލީމަ ވެސް ގޯސް މިވަނީ. އަދި ރަނގަޅު މީހަކު ވަން ކަމަކަށް ނުވޭ. އެހެންވީމާ އަޅުގަނޑުމެން މި އުޅެނީ ގޯސް މީހާއަށް ވެސް، ރަނގަޅު ކަމެއް ނޫން ކަމެއް ނުކުރެވޭނެ ނިޒާމެއް ތައްޔާރު ކުރަން،" ނަޝީދު ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ކުރިމަތިލުމުގެ ކުރިން ދަ ޑިމޮކްރެޓްސް އިން އެފަދަ ނިޒާމެއް ގާއިމުކުރާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނުގެ މުޅި ހަޔާތް ހޭދަކުރެއްވީ ސިޔާސީ ކަންކަމުގެ ތެރޭގައި ކަމަށާއި ރަހުމަތްތެރިއަކަށް ވިޔަސް އަދި ރަނގަޅު މީހަކާ ދިމާނުވާ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންތައްތައް ރަނގަޅަށް ދަނީ އެ ގައުމުތަކުގެ ވެރިން ރަނގަޅު ވެގެން ނޫން ކަމަށާއި އެއީ ރަނގަޅު ނިޒާމެއް ގާއިމުކުރެވިފައިވުމުގެ ސަބަބުން ކަމަށް ނަޝީދު ވިދާޅުވިއެވެ.