މާކް ޒަކަބާގްގެ ސެކިއުރިޓީއަށް ތިން އަހަރުތެރޭ 43 މިލިއަން ޑޮލަރު ހޭދަކޮށްފިއެވެ.
މެޓާގެ ސީއީއޯ މާކް ޒަކަބާގްގެ ޕާސަނަލް ސެކިއުރިޓީއަށް ވޭތުވެދިޔަ ތިން އަހަރުތެރޭ 43 މިލިއަން ޑޮލަރު މެޓާ ކުންފުނިން ހޭދަކޮށްފައިވާ ކަމަށް ހާމަކޮށްފައިވަނީ ނިއުޔޯކް ޕޯސްޓުން ނެރެފައިވާ ރިޕޯޓެއްގައެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މާކް އަދި އޭނާގެ އަންހެނުން ހިންގާ ފައުންޑޭޝަނަކުން ވެސް "ޑިފަންގް ޕޮލިސް" ނަމަކަށް ކިޔާ ޕްރައިވެޓް ސެކިއުރިޓީ އޯގަނައިޒޭޝަނަކަށް އެތައް މިލިއަނެއް ހަރަދުކުރެއެވެ. އެ އޯގަނައިޒޭޝަނަކީ ފުލުހުން ދޭ ހިދުމަތްތައް ޕްރައިވެޓްކޮށް، ދިނުމަށް ހަދާފައިވާ އޯގަނައިޒޭޝަނެކެވެ.
މީގެ އިތުރުން މާކް އަދި އަންހެނުން ޕްރީސިއާ ޗާންސްގެ ފައުންޑޭޝަނުން އިތުރު އެހެން ސެކިއުރިޓީ ކުންފުންޏަކަށް ވެސް 2.5 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާކަމަށް ރިޕޯޓުގައި ވެއެވެ.
ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އެހެން އަހަރުތަކަށްވުރެން ހަތަރު މިލިއަން ޑޮލަރު މާކްގެ ސެކިއުރިޓީއަށް މިއަހަރު އިތުރުކޮށްފައިވެއެވެ. މިއަހަރު އެކަނިވެސް މާކްގެ ސެކިއުރިޓީއަށް ޖުމުލަ 14 މިލިއަން ޑޮލަރު ވަނީ ހަމަޖައްސާފައެވެ.
ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގެ ކުރީގައި ގުނައިލެވޭ މާކްގެ މިލްކިއްޔާތުގައި މިހާރު 58.9 ބިލިއަން ޑޮލަރު ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ.