އެ މަނިކުފާނަށް އިތުރު ދައުރެއް ލިބިއްޖެ ނަމަ، ށ. މަރޮށީގެ ބިން ހިއްކައި، އެ ރަށުގައި 50 ހައުސިން ޔުނިޓް ހަދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޯލިޝަން ޕާޓްނަރުންނާ އެކު ށ. އަތޮޅުގެ ރަށްރަށަށް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި މިއަދު މެންދުރު މަރޮއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އަމިއްލަ ރަށުގައި ދިރިއުޅުމަކީ ކޮންމެ ރައްޔިތަކުވެސް ބޭނުންވާ ގޮތް ކަމަށާއި މަރޮށީގެ ރައްޔިތުންވެސް ބޭނުންވާ ގޮތަކީ އެއީ ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ރިޔާސީ ދައުރުގައި މަރޮށީގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، 30 ނުވަތަ 40 ހެކްޓަރުގެ ބިން ހިއްކައި އެ ތަނުން ރައްޔިތުންނަށް ގޯތި ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހައުސިން ސްކީމުގެ ދަށުން އެ ރަށުގައި 50 ހައުސިން ޔުނިޓް ހަދައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން މިދިޔަ އަހަރު އެ މަނިކުފާނު މަރޮއްޓަށް ވަޑައިގަތުމުން، ރައްޔިތުން އެދުނު އެންމެ ބޮޑު އެއްކަމަކީ ރަނގަޅު ފެންވަރެއްގެ ބަނދަރެއް ކަމަށެވެ. އެ ބަނދަރުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ ބަނދަރަކީ އުތުރުގައި އޮތް އެންމެ ފުރިހަމަ އަދި އެންމެ ފަސޭހަ ބަނދަރަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަރޮށީގައި މިހާރު ކުރިއަށްދާ ނަރުދަމާގެ މަސައްކަތް ނިމުމުން، އެ ރަށުގެ މަގު ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާން ޖެހޭނެ ކަމަށެވެ. އެގޮތުން އިތުރު ދައުރެއް ލިބިއްޖެ ނަމަ، މަގުހަދާ ރަށްތަކުގެ އެންމެ ކުރީގައި ހިމަނައިގެން މަރޮށީގެ
މަގު ހަދައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.