ވައުދެއް ވެވަޑައިގެންފިނަމަ އެ ވައުދު ފުއްދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިގެން ތިއްބެވި އިދިކޮޅު ކެންޑިޑޭޓުންނާއި ޕާޓީތަކުން އެކި އެކި ވައުދުތައް ވަމުން ދާނެ ކަމަށާއި ނަމަވެސް އެފަރާތްތަކަށް ވައުދު ފުއްދެނީ ކިހާވަރަކަށް ކަން މާޒީއަށް ވިސްނާލުމުންވެސް އެނގިގެންދާނެ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޑރ. މުހައްމަދު ވަހީދު އަދި ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ކެންޑިޑޭޓުން ކިތަންމެ ބައިވަރު ވައުދެއް ވިޔަސް އެބޭފުޅުން ވެރިކަމުގައި ތިއްބެވި އިރު ކަން ހިނގައި ދިޔަގޮތް ބަލައި އެކަން ރައްޔިިތުން މިނެ ކިރަން ޖެހޭނެ ކަމަށާއި އަންނަ ސެޕްޓެމްބަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގޮތް ނިންމާއިރުވެސް އެ ސަރުކާރުތަކުގައި ކަން ހިނގަމުން ދިޔަގޮތާ މެދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށެވެ.
"ބޭނުންފުޅު ވެ ވަޑައިގަންނަވަނީ އެނބުރި އެ އަނިޔާވެރިކަމަށް ބިރުވެރިކަމަށް ދާންތޯ. ނޫނީ މި ފެށި މަސައްކަތް، އުފާވެރި އަމާން ރާއްޖެއަށް އަޅުގަނޑުމެން މި ފެށި ދަތުރުގައި ކުރިއަށް ދާނީތޯ ނިންމަވާނީ ތިބޭފުޅުން. މި ފަށާފައިވާ މަސައްކަތްތައް ހުއްޓުމަކަށް ހިނގައިދާނެ ތި ބޭފުޅުން ނިންމަވާ ގޮތަކުން. އޭގެ މިސާލުތައް މިހާރުވެސް ފެންނަން އެބަހުރި. މީގެ ކުރީގެ ސަރުކާރުތައް ބަދަލުވި ބަދަލުވުމުގަ." ރައީސް ވިދާޅުވި އެވެ.
ކޮވިޑުގެ ދަތިތަކާއެކުވެސް މި ސަރުކާރުން ރާއްޖޭގެ އިގްތިސާދު އިނދަޖެހުނަ ނުދޭން ކުރި ބުރަ މަސައްކަތްތަކާއި، ކޮވިޑާއެކު ވަޒީފާ ގެއްލުނު ފަރާތްތައް ހާލުގަ ޖެހުނަ ނުދޭން ކުރެއްވި ކަންތައްތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައިއިރު ރައްޔިތުންނަށް ވެފައިވާ ވައުދު ތަކުގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ ވައުދުގެ މަސައްކަތްތައް މިހާތަނަށް ނިމިފައި ނުވަތަ ހިނގަމުންދާ ކަމަށެވެ.
އިތުރު ދައުރަކަށް ވެރިކަމަށް އަންނަ އިރު ރައްޔިތުން ބޭނުންވާ ކަންތައްތައް ހުންނާނެ ކަން ގަބޫލުފުޅުކުރައްވާ ކަމަށާއި ރައްޔިތުން ގަބޫލުކުރަންވީ އެމްޑީޕީން ވައުދެއް ވެއްޖެއްޔާ އެ ވައުދެއް ފުއްދާނެ ކަން ކަމަށް ވިދާޅުވި އެވެ.
"ގަބޫލު ކުރައްވާ! އަޅުގަނޑުމެން ވައުދެއް ވެއްޖެއްޔާ އިރާދަކުރެއްވިއްޔާ އެ ވައުދު ފުއްދައި ދޭނަން" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ދަތިތަކާއި އުނދަގޫ ތަކާއެކުވެސް ކަންތައްތަކަށް ހައްލު ހޯދުމަށް އެމްޑީޕީއަށް އެނގޭ ކަމަށާއި އެމްޑީޕީއާއެކު މިހާރު އޮތް ޓީމަކީ ވައުދުތައް ފުއްދުމަށްޓަކައި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު މަސައްކަތްކުރާނެ ޓީމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު