ށ. ކޮމަންޑޫން އަލީ ޔާމީން (ވަން އޮންލައިން)

ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ސީރިޔާއަށް ދިޔަ މީހުންގެ ތެރެއިން 70 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން ކޮމަންޑޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މީގެ ކުރިން ސަރުކާރުތަކުން ބުނަމުން އައީ ރާއްޖޭގައި ހަރުކަށި ފިކުރެއް ނެތް ކަމަށެވެ.

"އެހެންނަމަވެސް މިއަދު އައިސް ހިސާބު ބެލިއިރުގައި 70 އަށްވުރެ ގިނަ މީހުން ސީރިޔާގައި އަމިއްލައަށް މަރުވެއްޖެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން ހަނގުރާމައިގައި ބައިވެރިވުމަށް 100 އަށްވުރެ ގިނަ ދިވެހިން ގޮސްފައިވާ ކަމަށެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ، ސީރިޔާގައި ތިބި ދިވެހި އަންހެނުންނާއި ކުޑަކުދިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކަމަށާއި އަންނަ މަސް ނިމުމުގެ ކުރިން އެ މީހުން ރާއްޖެއަށް ގެނެސްދެއްވާނެ ކަމަށެވެ.