މެންޗެސްޓާ ޔުނައިޓެޑްގައި 12 އަހަރު ހޭދަކުރި ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ އެ ކްލަބު ދޫކޮށްލިކަން ޔަގީންކޮށްދީފިއެވެ.
ޔުނައިޓެޑްގެ ލެޖެންޑަރީ ގޯލްކީޕަރު ޑެ ހެއާ އާއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުން މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާ އިރު، އެއްބަސްވުން އާ ކުރަން ހުށަހެޅި ޕްރޮޕޯސަލްއަށް ދެ ފަރާތަށް އެއްބަސްވެވިފައެއް ނުވެއެވެ. އެހެންކަމުން ޑެ ހެއާ އަކީ މިވަގުތު ފްރީ އެޖެންޓެކެވެ. އޭނާ ކްލަބު ދޫކޮށްލިކަން ރޭ ރަސްމީކޮށް އިއުލާނުކޮށްފައިވާ އިރު، ޑެ ހެއާ ދެން ކުޅޭނެ ކްލަބެއް އަދި ނިންމާފައެއް ނުވެއެވެ.
ޑެ ހެއާ، 2011 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑުން ޔުނައިޓެޑަށް ސޮއިކުރީ 18.9 މިލިއަން ޕައުންޑްގެ އަގެއްގައެވެ. މިދިޔަ 12 އަހަރުގައި ޔުނައިޓެޑަށް ކުޅުނު 545 މެޗުގައި ޑެ ހެއާ ވަނީ 190 ކްލީންޝީޓް ދަމަހައްޓައިފައެވެ. އެއީ ކްލަބު ރެކޯޑެކެވެ.
"މިދިޔަ 12 އަހަރު ދުވަހު ޔުނައިޓެޑުން އަހަންނަށް ދިން ލޯތްބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ސާ އެލެކްސް ފާގަސަން އަހަރެން މި ކްލަބަށް ގެނައިފަހުން އެތައް ކަމެއް މިހާތަނަށް ހާސިލްވެއްޖެ. އަހަރެން ޔުނައިޓެޑްގެ ޖާޒީ 12 އަހަރު ދުވަހުވެސް ލީ ނުހަނު ފަހުރުވެރިކަމާއެކު. ދުނިޔޭގެ އެންމެ ބޮޑު ކްލަބުގެ ޖާޒީ މިހާ ދުވަހު ލެވުމަކީ އަހަންނަށް ލިބުނު އެންމެ ބޮޑު ޝަރަފު، އަދި އެއީ ނަސީބެއް،" ޑެ ހެއާ ބުންޏެވެ.
އުމުރުން 32 އަހަރުގެ ޑެ ހެއާ ބުނީ ޔުނައިޓެޑަކީ އަބަދުވެސް އޭނާއަށް ހާއްސަ، އޭނާގެ ހިތު ތެރޭގައި އޮންނާނެ ކްލަބެއް ކަމަށާއި، ކްލަބާއެކު ހޯދި ކާމިޔާބީތައް ހަނދާން ނުނެތޭނެ ކަމަށެވެ. ޔުނައިޓެޑާއެކު ޑެ ހެއާ ވަނީ ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ޔޫއެފާ ޔޫރޮޕާ ލީގާއި ލީގު ކަޕްވެސް ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަނުގައިވެސް 17 ކްލީން ޝީޓާއެކު ޑެ ހެއާ ވަނީ ޕްރިމިއާ ލީގުގެ ރަން އަންގި ހޯދައިފައެވެ. އެއީ އޭނާ އެ ޝަރަފު ހޯދި ދެވަނަ ފަހަރެވެ.
ޑެ ހެއާ ނެތްތަން ފޫބައްދަން ޔުނައިޓެޑުން ހޯދަން މަސައްކަތްކުރަމުން އަންނަ ގޯލްކީޕަރަކީ އިންޓަ މިލާނަށް ކުޅެމުން އަންނަ އަންދްރޭ އޮނާނާއެވެ. އޮނާނާއަކީ މިދިޔަ ސީޒަނުގައި އެންމެ ތަފާތު އެއް ގޯލްކީޕަރެވެ. އުމުރުން 27 އަހަރުގެ އޮނާނާ ވަނީ ސެރެއާ އޭގައި ކުޅުނު 24 މެޗުގައި 8 ކްލީންޝީޓް ދަމަހައްޓައިފައެވެ. އަދި އިންޓައިން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިޔަ ދިއުމުގައި އޮނާނާ ވަނީ 13 މެޗުން 8 ކްލީންޝީޓް ދަމަހައްޓައިފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު