އެޕަލް ކުންފުނިން ދައްކާލި ވިޝަން ޕްރޯ އަކީ މުޅިން ތަފާތު އިންސާނުންގެ ވިސްނުމާއި ފިކުރު އެހެން ހަރުފަތަކަށް ގެންގޮސްދިން އުފެއްދުމެވެ. މީގެ ކުރިންވެސް ވީއާރު، އޭއާރު އަދި އެކްސް އާރުގެ ހެޑްސެޓްތައް ވަނީ ނެރެފައެވެ. ވާޗުއަލް ދުނިޔޭގެ ތެރެއަށް އިންސާނުން ގެންގޮސްދޭ އެތަކެއް އުފެއްދުންތަކެއް ސަމްސަން، ފޭސްބުކް އަދި މިނޫންވެސް ކުންފުނިތަކުން ވިއްކަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ.

އެހެންނަމަވެސް މިކްސްޑް ރިއަލިޓީ ހިމަނައިގެން މުޅިން އައު، މިހާރު ވިއްކަމުންދާ އެކިއެކި ވީއާރު ތަކަށް ކޮންޖަހާލެވޭނެ އުފެއްދުމެއް އެޕަލްއަށް ނެރެވިދާނެ ކަމާމެދު ކުރިން އޮތީ ސައްކު ހީވެފައެވެ. އަދި އެއީ ކުރަން އުނދަގޫ ކަމެއް ކަމަށްވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އެހެންނަމަވެސް މިހާރު ގިނަ ބަޔަކު ދައްކަނީ އެޕަލް ވިޝަން ޕުރޯގެ މޮޅު ވާހަކައެވެ. ވާދަވެރިން ދައްކަނީ ވިޝަން ޕްރޯ އަކީ އާދަޔާ ހިލާފަށް އަގުބޮޑު އުފެއްދުމެއް ކަމަށް ބުނެ، އެ ވާހަކައެވެ. އެހެންކަމުން އެޕަލް އިން ވިސަން ޕްރޯގެ ޕްރޮޑަކްޝަން، ނުވަތަ އުފައްދާ މިންވަރު ގެންގުޅޭނީ ވަކި މިންވަރެއްގައި ކަމަށްވެސް ބުނެއެވެ.

އެހެންނަމަވެސް އެޕަލްއާ ވާދަވެރި އެހެން ކުންފުނިތަކުން ވީއާރު އަދި އޭއާރު ހެޑްސެޓްތަކުގެ ވާހަކަ މިވަނީ ފަނޑުވެފައެވެ. އެޕަލް ވިސަން ޕްރޯ ދައްކާލުމާއެކު ސެމްސަންގްގެ ވާދަވެރި މިކްސްޑް ރިއަލިޓީ ހެޑްސެޓް ނެރުން ކުއްލިއަކަށް މިވަނީ ލަސްވެފައެވެ. ސަމްސަންގެ ފޯނުތައް މޫނުގައި އަޅާ މާސްކު ނުވަތަ ހެޑްސެޓްގެ ތެރެއަށް ލައްވައިގެން ބޭނުން ކުރެވޭ ސަމްސަންގެ އެކްސް އާރު ހެޑްސެޓް ނެރުން ހަ މަސް ދުވަހަށް ލަސްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮރެއާގެ ޕަބްލިކޭޝަން އެސްބީއެސް ބިޒްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ސެމްސަންގުން ވަނީ އެޕަލް ވިޝަން ޕްރޯއާ ވާދަކުރުމަށް ދެން ނެރޭ ސަމްސަންގެ އެކްސް އާރު ހެޑްސެޓް "ހަ މަސް ދުވަހުގެ މުއްދަތަށް" ފަސްކޮށްފައިވާ ކަމަށެވެ. އެގޮތުން ސަމްސަން އިން ފަސްކޮށްފައިވާ ހެޑްސެޓް ދެން ނެރޭނެ ކަމަށް ބެލެވުނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. އެޕަލް ކުންފުނީގެ ވިސަން ޕުރޯވެސް ނެރެން ތައްޔާރު ކޮށްފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. އެހެންކަމުން ސަމްސަންގެ އެކްސް އާރު ހެޑްސެޓް ވެސް އެޕަލްގެ ވިސަން ޕްރޯ ނެރޭ ދުވަސްވަރާ ދިމާކޮށް ނެރުމަކީ ކޮށްފާނެ ކަމެކެވެ. އަދި އެ އުފެއްދުމާ ވާދަކުރެވޭނެ ފެންވަރަށް ސަމްސަންގެ އައު އުފެއްދުމަށް ބަދަލުތައް ގެނައުމަކީ ވެސް ވުން ކައިރި ކަމެކެވެ.

ސަމްސަންގެ އުފެއްދުންތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ނިންމުން ނިންމީ ވާދަވެރި އެޕަލްގެ މިކްސްޑް ރިއަލިޓީ (އެމްއާރު) ހެޑްސެޓް 'ވިޝަން ޕްރޯ' ގެ ސްޕެސިފިކޭޝަންތަކަށް ބަލައިގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ އެޕަލް ވިޝަން ޕްރޯގެ ހައި އެންޑް ހާރޑްވެއާ އަދި މި އުފެއްދުމަކީ ގިނަ ބަޔަކު ބަލައިގެންފާނެ އައު ފީޗާސްތަކެއް ހިމެނޭ އުފެއްދުމެއް ކަމުން ސެމްސަންގުން ވަނީ އުފެއްދުމުގެ މަރުހަލާގައި ހުރި ހެޑްސެޓާ މެދު އަލުން ވިސްނަން ފަށައިފައެވެ. އެހެންކަމުން މީގެ ކުރިން ނެރުނު ހެޑްސެޓްގެ ތެރޭގައި ހުންނަ ޑިސްޕްލޭ ޕެނަލްތަކަށް ބީއޯއީ އާއި އަމިއްލަ ސެމްސަންގް ޑިސްޕްލޭ ފެންވަރު މަތިކޮށް އެޕަލް އިން ބޭނުން ކުރާ ސޮނީ ކުންފުނީގެ އޯއެލްއީޑީ އޮން ސިލިކަން (އޯއެލްއީޑީއޯއެސް) ޕެނަލްތަކަށް މަތިކުރުމަކީ ސެމްސަން އިން ކުރަން ބޭނުންވާ ކަމެކެވެ.

އެހެންކަމުން ސެމްސަންގްގެ ހެޑްސެޓްގެ ފެންވަރު މަތިކުރުމަށް އެންޑްރޮއިޑް އާއި ކުއަލްކޮމް ޗިޕްސެޓެއް ހިމަނަށް ނިންމައި، އަދި ގޫގުލް އާއި ކުއަލްކޮމްއާ އެކު ޕާޓްނަޝިޕެއް ހަދާފައިވާކަން މިހާރު ހާމަކޮށްފައިވާ އިރު، އެ ޕާޓްނަޝިޕްގައި "ވެއާބަލް ޑިސްޕްލޭސް" އަށް "އެންޑްރޮއިޑްގެ ސޮފްޓްވެއާ" އަށް ބަދަލުތަކެއް ވެސް ގެންނާނެވެ. އެހެންކަމުން އެޕަލް ވިސަން ޕްރޯއާ ވާދަކުރުމަށް ގިނަ ކުންފުނިތަކުން ގިނަ މަސައްކަތްތަކެއް މި ވަނީ ފަށައިފައެވެ. އެޕަލްއާ ވާދަވެރި ގޫގުލް ކުންފުނިންވެސް މޯބައިލް ފޯނުތައް ވިއްކަމުންދާ އިރު، އެޕަލް އިން ނެރޭ ވިސަން ޕުރޯއާ ވާދަކުރުމަށް އެކްސްއާރު އައު މޮޑެލްއެއްގެ ހެޑްސެޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.