ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި، އެކަމަށް ހާއްސަ ބޭންކް އެކައުންޓެއް (އަލަށް ހުޅުވާ އެކައުންޓެއް) ރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވަން އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އެކައުންޓް ހުޅުވަން ޖެހޭނީ ކެންޑިޑޭޓުގެ ނަމުގައި ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކޮންމެ ކެންޑިޑޭޓަކުވެސް، އިންތިހާބާ ގުޅިގެން ކުރާ އެންމެހައި ހަރަދެއް ކުރަންވާނީ، އަލަށް މި ހުޅުވާ ބޭންކް އެކައުންޓް މެދުވެރިކޮށް ކަމަށްވެސް ހަބީބު ވިދާޅުވިއެވެ. އަދި އިންތިހާބާ ގުޅިގެން، ކެންޑިޑޭޓަށް ލިބޭ އެންމެހައި ފައިސާގެ އެހީވެސް ޖަމާކުރަންވާނީ އަލަށް ހުޅުވާ މި އެކައުންޓަށް ކަމަށްވެސް ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން، އެފަދަ އެކައުންޓެއް ފަސޭހައިން ހުޅުވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އީސީން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ މަޝްވަރާކޮށްފައިވާ ކަމަށެވެ އަދި ބޭންކުތަކާ ވާހަކަ ދައްކަވައިގެން، އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ހަމަޖެހިފައިވަނީ މިމަހުގެ 23 ގައެވެ. ގާނޫނުގައި މިހާރު އޮތް ގޮތުން އެކަމާ ގުޅޭ ފޯމު ހުށަހަޅަން 14 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު