މިމަހުގެ 12 އިން 16 އަށް ތައިލެންޑްގައި ބާއްވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ސްކޮޑު އިއުލާނުކޮށްފިއެވެ.
އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕަކީ މި ބައްރުގެ އެތުލެޓިކްސް އެންމެ ބޮޑު މުބާރާތެވެ. އޭޝިއާގެ ވަރުގަދަ އެތުލީޓުން ވާދަކުރާ މުބާރާތުގައި ރާއްޖެއިން ފިރިހެން އަށް އެތުލީޓުންގެ އިތުރުން އަންހެން ހަތް އެތުލީޓުން ވާދަކުރަން އެސޯސިއޭޝަނުން ނިންމާފައިވާ އިރު، އެ ހުރިހާ އެތުލީޓުންނަކީވެސް އަންނަ އޮގަސްޓް މަހު މަޑަގަސްކަރަގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ތައްޔާރުވަމުންދާ އެތުލީޓުންނެވެ.
ތައިލެންޑްގެ ތަޖުރިބާ ވެގެންދާނީ އައިއޯއައިޖީގެ ކުރިން އެތުލީޓުންނަށް މުހިންމު ތަޖުރިބާއަކަށެވެ. އަދި ހާއްސަކޮށް ތައިލެންޑްގައި ދުވާ ގިނަ އެތުލީޓުންނަކީ އިންޑިއާގެ އެހީގައި ބެންގަލޫރުގައި ތަމްރީނުތައް ފުރިހަމަކޮށްފައިވާ އެތުލީޓުންނަށްވާ އިރު، ކުރިއެރުން ބަލައިލުމަށްވެސް ތައިލެންޑް މުބާރާތް މުހިންމު ވާނެއެވެ.
ތައިލެންޑްގައި ދުވުމަށް އިއުލާނުކުރި ސްކޮޑުގައި ހިމެނޭ ފިރިހެން އެތުލީޓުންނަކީ ހަސަން ސާއިދު، ހުސައިން ރިޒާ (ކުޑަ ރިޒާ)، އަހުމަދު ނަޖުދާން އަބްދުﷲ، އިބްރާހިމް ނާހިލް ނިޒާރު، ހުސެއިން ފަޒީލް ހާރޫން (ފްލޭޝް)، ރަޝީދު، އާދަމް ރިއްފަތު އަދި ނުޖޫމް ހަސަނެވެ.
އަންހެން އެތުލީޓުންނަކީ ހައްވާ މުޒްނާ ފާއިޒު، ޒިވާ މޫސާ ޝަފީއު، އަހްނާ ނިޒާރު، ފަސޫހާ އަހުމަދު، މަރިޔަމް އަލްހާ ހުސައިން، އައިޝަތު ސަބާ ސަލީމް އަދި އާމިނަތު ލަޔާނާ މުހައްމަދެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް