އިއްޔެ މާލޭގައި ފެށި 13 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ފުރަތަމަ ދުވަހު ރާއްޖޭގެ އެތުލީޓުން ހަތަރު ރަން މެޑަލްއާއި ތިން ރިހި މެޑަލް އަދި އެއް ލޯ މެޑަލްއެއް ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުރިއަށްދާ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި މިއަހަރު ހަ ގައުމަކުން އެތުލީޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ، ނެޕާލް، ޕާކިސްތާން، އިންޑިއާ، އަފްގާނިސްތާން އަދި ރާއްޖެއެވެ.
އިއްޔެ ކުރިއަށްދިޔަ ގިނަ އިވެންޓުތަކުގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން އެތުލީޓުންނަކީ އަޒްނީން ރަޝާދު، އަބްދުﷲ އަހުސަން، މުހައްމަދު ޔާމީން (ޔާމްބެ) އަދި މުހައްމަދު މޫސާ (މޯޑް) އެވެ.
އަޒްނީން ރަން މެޑަލް ހޯދީ 170 ސެންޓިމީޓަރުގެ ސްޕޯޓްސް ފިޒީކް ކެޓަގަރީ އިންނެވެ. މީގެ ކުރިން 2019ގައި ނޭޕާލްގައި އޮތް ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުންވެސް އަޒްނީން ރަން މެޑަލް ހޯދިއެވެ. އަޒްނީން ވަނީ ދާދި ފަހުން ނިމުނު މިސްޓަ މޯލްޑިވްސްގެ ސްޕޯޓްސް ފިޒީކް ކެޓަގަރީ އިންވެސް އެއްވަނަ ހޯދައިފައެވެ. އޭނާއަކީ މިއަހަރު ދިން މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ އެންމެ މޮޅު އެތުލީޓުވެސް މެއެވެ.
ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމު މިދިޔަ ދެ އަހަރު ހޯދި މުހައްމަދު ޔާމިން ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން އެއްވަނަ ހޯދީ 85 ކީލޯގެ ކެޓަގަރީންނެވެ.
އަބްދުﷲ އަހުސަން އެއްވަނަ ހޯދީ އެތުލެޓިކް ފިޒީކްގެ 175 ސެންޓިމީޓަރު ކެޓަގަރީންނެވެ. އަދި މުހައްމަދު މޫސާ ރަން މެޑަލް ހޯދީ 55 ކިލޯ މީޓަރު ކެޓަގަރީންނެވެ.
މި މެޑަލްތަކުގެ އިތުރުން ރާއްޖޭގެ ފަތުހުﷲ މުހައްމަދާއި މުހައްމަދު އިމްރާހް ވާދަކުރި އިވެންޓުން ރިހި މެޑަލް ހޯދި އިރު، ޖޫނިއާ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ދެ އެތުލީޓަކު ވަނީ ރިހި މެޑެއްޔަކާއި ލޯ މެޑަލްއެއްވެސް ހޯދައިފައެވެ.
ތޭރަ ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގެ އިވެންޓުތައް މިއަދު ވެސް ކުރިއަށްދާނެއެވެ.
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ