ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނަވަނީ، ރާއްޖޭގައި މިހާތަނަށް އިންތިހާބަކަށް ނުކުންނަ އެންމެ މެންބަރުން ގިނަ ކޯލިޝަނާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، އިއްޒުއްދީން ސްކޫލުގައި މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ކެމްޕެއިން މޯޓިވޭޝަނަލް ސެޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ކޯލިޝަންގައި ހިމެނޭ "އަދާލަތު ޕާޓީ އާއި އެމްޑީއޭ އާއި އެމްޑީޕީ ހިމެނޭގޮތުން 77،700 މެންބަރުން މި ކޯލިޝަންގައި އެބަތިބި،" ކަމަށެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، މިފަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާ އިރު، އެމަނިކުފާނާއެކު ކޯލިޝަން ހެދި ޕާޓީތަކެއް ފެއަށް ޖެހި، އެމަނިކުފާނު އެކަނިވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުންނާއި، މިހާރުގެ އެންމެ ވާދަވެރި ދަ ޑިމޮކްރެޓްސްއިން ތަކުރާރުކޮށް ބުނަމުންދާތީ އެ ފަރާތްތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ، ޖުމްހޫރީ ޕާޓީ އާއި އަދާލާތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އެމަނިކުފާނާއެކު ހެދި ކޯލިޝަނަކާއެކުއެވެ.

ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމައި، އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިންތިހާބަށް ނުކުންނަވާނެއެވެ. ކޯލިޝަންގައި ދެން ހިމެނޭ އެމްއާރުއެމުން ވެސް ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް އަދި ނިންމައިފައެއް ނުވެއެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން އުފެދުނު މައްސަލަގަނޑާއެކު އެ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސް ވަނީ އުފައްދައިފައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރިޔާސީ ރޭހުގައި ރައީސް ސޯލިހު އެކަނިވެވަޑައިގެންފައިވާ ކަމަށް އިޝާރާތް ކުރައްވައިފައެވެ.

އެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ މެޖޯރިޓީ ކަމަށާއި އެގޮތުން ޑިމޮކްރެޓްސްގައި އެމްޑީޕީގެ 80 އިންސައްތަ މެމްބަރުން އެބަތިބި ކަމަށެވެ.