ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވަމުންދާ ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއާ ޗެމްޕިއަންޝިޕްގައި އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ)ގެ ގިނަ ކުޅުންތެރިންތަކެއް ބައިވެރިވެއްޖެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއާ ޗެމްޕިއަންޝިޕް މިއަދު ފަށާފައިވާ އިރު، މުބާރާތުގައި އަޖުފާން އެކަޑެމީން އެކަނިވެސް 60 ކުދިން ބައިވެރިވެފައިވެއެވެ. އެގޮތުން އަޖުފާން އެކަޑެމީން އެންމެ ގިނަ ކުދިން ބައިވެރިވި، އަންހެން ސިންގަލްސް 11 އަހަރުން ދަށުގެ ކެޓަގަރީގައި ނުވަ ކުދިން ބައިވެރިވެފައިވެއެވެ. އަދި އަންހެން ސިންގަލްސް 15 އަހަރުން ދަށުގެ ކެޓަގަރީގައިވެސް ހަތް ކުދިން ބައިވެރިވެފައިވެއެވެ.

ގައުމީ ޖޫނިއާ ބެޑްމިންޓަން މުބާރާތުގެ މެޗުތައް މިއަދު ހެނދުނު ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ކޯޓުގައި ފަށާފައިވާ އިރު، މުބާރާތް މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އަޖުފާނަކީ ގައުމީ ބެޑްމިންޓަންގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. ގައުމީ މުބާރާތުގެ ތަށި ނުވަ ފަހަރަށް އަޖުފާން ހޯދާފައިވާ އިރު، އޭނާ ވަނީ 2006، 2007، 2008، 2009، 2010، 2011، 2015، 2018 އަދި 2019 ގައުމީ ސިންގަލްސްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އޭގެ އިތުރުން އަޖުފާން ވަނީ އައިއޯއައިޖީންވެސް ރާއްޖެއަށް މެޑަލް ގެނެސްދީ، ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖޭގެ ދިދަ ވިހުރުވާލައިފައެވެ.

އަޖުފާންގެ ކެރިއަރުގައި މިހާރު އެކަޑެމީގެ މަސައްކަތްތައް ކުރަމުންދާ އިރު، އޭނާގެ ތަޖުރިބާއިން ޒުވާން ޖީލެއް ބިނާކުރުމަށް މިހާތަނަށްވެސް ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.