އިންސާނާ ސާފުތާހިރު ވުމަށްޓަކައި ސާފު ރީތި ފޭރާންލުމަކީ މުހިންމު ކަމެއް ކަމަށާއި ނަމަވެސް އެ ފޭރާމުގެ ސަބަބުން ކަންދެއްކުމާއި ބޮޑާކަމުގެ ޝިކާރައަކަށް ވެގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އިސްލާމްދީނަކީ ސާފުތާހިރުކަަމުގެ ދީން" މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، އިސްލާމް ދީނަކީ ސާފުތާހިރުކަމަށް ބާރުއަޅާ ދީނެއް ކަމަށާއި ހުރިހާ ހާލަތެއްގައިވެސް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ އިސްލާމީ ސަގާފަތުގެ ތެރެއިންވާ ކަމެއް ކަމަށެވެ. އެގޮތުން މުސްލިމުންގެ އާންމު ހާލަތްތަކުގައްޔާއި އަމިއްލަ ދިރުއުޅުމުގައްޔާއި އަޅުކަން އަދާކުރުމުގައްޔާއި ވެށި ބެލެހެއްޓުމުގައި ސާފުތާހިތުކަމަށް އިސްލާމް ދީން ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ ނަމާދު ކުރުމާއި ތަވާފުކުރުމަށް ނަޖިހުން ތާހިރުވުމާއި ހިނައިގަތުން ފަދަ ކަންކަމަކީ އިސްލާމް ދީނުގައި ޝަރުއު ކުރެވިގެންވާ ކަންކަން ކަމަށާއި ސާފުތާހިރު ކަމަކީ އީމާން ކަމުގެ އެއްބައި ކަމަށެވެ. އަދި ކީރިތި ރަސޫލާގެ ސުންނަތުން ސާފުތާހިރުކަމަށް އެކަލޭގެފާނު ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ހުތުބާގައި ބުނީ ނިޔަފަތި ކެނޑުމާއި ކިހިލިފަށް ދަށުން އިސްތަށި އުފުރުމާއި މަތިމަސް ކުރުކުރުން ފަދަ ކަންތައްތަކަކީ ޝަހުސީ ސާފުތާހިރުކަމުގެ ތެރޭގައިވާ ކަންތައްތައް ކަމަށާއި އެއީ ފިތުރަތުގެ ސުންނަތްތަކުގެ ތެރޭގައިވެސް ހިމެނޭ ކަންތައް ކަމަށެވެ.

އޭގެ އިތުރުން ކުޑަކަމުދާހިދު ގަޔަށް ބުރައިގެން ނުދާގޮތަށް ކުޑަކަމު ދިޔުމާއި ކުޑަކަމު ދިޔުމަށްފަހު ރަނގަޅަށް ތާހިރު ނުވުމާއި މަގުމައްޗާއި ހިޔާ ލިބޭ ގަސްގަހުގެ ދަށަށާއި މީހުން ހިނގާ ބިނގާވެ އުޅޭ ތަންތަނަށް ކުޑަކަމު ދިއުމާއި ގަޟާހާޖަތްކުރުމާއި ކުޅުޖެހުން ފަދަ ކަންކަމަކީ އިސްލާމް ދީން ނަހީ ކުރައްވާފައިވާ ކަންތައް ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ މަގުމަތި ސާފުތާހިރުކޮށް ބެލެހެއްޓުމަކީވެސް އަޅުކަމެއް ކަމަށާއި މަގުމަތިން ކުނި ބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށެވެ. އަދި މަގުމަތީގެ ސާފުތާހިރުކަމަކީ އެތައް ބަލިތަކަކުން މުޖުތަމައު ރައްކާތެރިކޮށްދޭ ކަމެއް ކަމަށާއި މާތް ﷲ އަށް ބިރުވެތިވެ އިސްލާމް ދީނުގައި އަންގަވާފައިވާ ސާފުތާހިރުކަމުގެ އުސޫލުތަކުގައި ހިފެހެއްޓުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.