ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށްދިނުން ލަސްވީ އެ ޕާޓީން ހުށަހަޅައިފައިވާ މެމްބަރުންގެ ފޯމުތައް ވެރިފައި ނުކުރެވުމުގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ އުފައްދާ ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެ ޕާޓީގެ މަސްއޫލުވެރިއަކީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދައިރާގެ މެމްބަރު ހަސަން ލަތީފެވެ.
އީސީން ދަ ޑިމޮކްރެޓްސް ރަޖިސްޓްރީނުކޮށްދީ ލަސް ކުރަމުންދާ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓީއަށް ހުއްދި ދިނުމަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އެ ޕާޓީގެ ފަރާތުން ހުށަހަޅައިފައިވާ މެމްބާޝިޕް ފޯމުތައް ތިން މަސް ދުވަހަށް ދަންމާލަން އީސީގެ އެއްވެސް މެމްބަރަކު ހުށަހަޅައިފައިނުވާ ކަމަށެވެ.
"އެރޭގެ ޖަލްސާއާ ހަމައަށް ދާ ޑިމޮކްރެޓްސްއިން ހުށަހަޅުއްވާފައިވާ ފޯމުތަކުގެ ހެކީންގެ މައުލޫމާތާއި، ފޯމުގައިވާ މަންމަގެ މައުލޫމާތާއި، ސިޔާސީ ޕާޓީގައި ރަޖިސްޓްރީ ނުވެވޭ ފަރާތްތަކުގެ ބްލެކް ލިސްޓް، ސިޔާސީ ޕާޓީގެ މެމްބާޝިޕް ފޯމު ޕްރޮސެސްކުރާ ސިސްޓަމް (ސިމެދަ ޕޯޓަލް) އަށް އަޅައިގެން ވެރިފައިކޮށް ނިމިފައިނުވެއެވެ..،" އީސީން ބުންޏެވެ.
އީސީން ބުނީ ކޮމިޝަންގެ އެ ބައްދަލުވުން ބޭއްވި ރޭ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަން ޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދިނުމަށް އަޣުލަބިއްޔަތުން ފާސްވެފައިނުވާ ކަމަށެވެ. އީސީގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްފަހު، ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ދޫކުރި ހުއްދައިގެ ދަށުން އެ ފަރާތުން ހުށަހެޅި 3،460 ފޯމުގެ ތެރެއިން، ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ 3،000 ފޯމުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވާ ކަމަށް އީސީން ބުންޏެވެ.
ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް އަބަދުވެސް ބާރު އަޅާ ކަމަށާއި އީސީން މަސައްކަތްކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ދަ ޑިމޮކްރެޓްސް އިން ވަނީ ގިޔާސުއްދީން ސްކޫލުގައި އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ރޭ ބާއްވައިފައެވެ. އެ ޖަލްސާގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
އެ ޕާޓީން ބުނެފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީއަކުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު