ދެ މައްސަލައެއް އެންޑާ ނުކުރި މައްސަލައިގައި ބައެއް ކައުންސިލަރުން، މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާއިރު، އެ ދެ މައްސަލަ އެޖެންޑާ ނުކުރެއްވީ ކައުންސިލްގެ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގައި އެ ދެ މައްސަލަ އެޖެންޑާ ކުރަން ނުފޮނުވުމުން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމުލަ 18 ކައުންސިލަރުން ހިމެނޭ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާ ފެށުމަށްފަހު އެޖެންޑާ ފާސްކުރުމަށް ވޯޓަށް އެހުމުން، އެޖެންޑާއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ބައެއް ކައުންސިލަރުން ވަނީ ޖަލްސާ ބޮއިކޮޓްކުރައްވައި ނުކުންނަވައިފައެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ ހިތްހަމަނުޖެހުން ފާޅުކުރެއްވީ، އެޖެންޑާގައި އެ ދެ މައްސަލަ ހިމަނަން ހުށަހެޅުއްވި ޕީޕީއެމަށް ނިސްބަތްވާ ހެންވޭރު ހުޅަނދު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާންއެވެ.
އޭނާ އެޖެންޑާގައި ހިމަނަން ހުށަހެޅި ދެ މައްސަލައިގެ ތެރޭގައި ހިމެނެނީ، ބައެއް ކައުންސިލަރުން އެމްޑީޕީން ވަކިވެފައިވާތީ، ދާއިމީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި 35،000 ރުފިޔާއަށްވުރެ މަތީގެ ތަކެތި ޕްރޮކިޔޯ ކުރާ ނަމަ، ކޯޕަރޭޓް އެފެއާޒް ކޮމިޓީން ފާސްކޮށް، އެ މައުލޫމާތު ކައުންސިލަށް ދިނުން ލާޒިމުކުރުމެވެ.
މިއަދުގެ ޖަލްސާ ފެށުމާއެކު އޭނާ ހުށަހެޅުއްވި ދެ މައްސަލަ އެޖެންޑާގައި ނެތުމުން ނުރުހުން ފާޅުކުރައްވައި އައިފާން ޖަލްސާ އިން ނިކުންނެވިއެވެ. ނަމަވެސް އާންމު އުސޫލުން ޖަލްސާގެ އެޖެންޑާ ފާސްކުރެއްވުމަށް މޭޔަރު މުއިއްޒު ވޯޓަށް އެއްސެވިއެވެ. އެ ހިސާބުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްވެސް ޖަލްސާ އިން ނުކުންނެވިއެވެ. އެއަށްފަހު އެހެން ބައެއް ކައުންސިލަރުންވެސް އެޖެންޑާ އޮތް ގޮތަށް ތާއިދުނުކުރައްވާ ކަމަށް ވިދާޅުވެ ޖަލްސާއިން ނުކުންނެވިއެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް ކައުންސިލަރުންނާ އެކު ނުވަ ކައުންސިލަރަކު ޖަލްސާ ބޮއިކޮޓްކުރެއްވިއެވެ. އެހެންކަމުން ކޯރަމް ހަމަނުވެގެން ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
- ޑެޕިއުޓީ މޭޔަރު، މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް
- ހެންވޭރު ހުޅަނދު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން
- މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު
- ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުހައްމަދު
- ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް
- ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް
- ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް
- ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދު
- މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު އަރީޝް
އެކަމާ ގުޅޭ ގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން މޭޔަރު ޑރ. މުއިއްޒު މިއަދު ވިދާޅުވީ، ކައުންސިލް ހިންގުމުގެ ގަވާއިދާ އެއްގޮތަށް ލިބޭ ހުރިހާ އެއްޗެއް އެޑެންޑާ ކުރަމުން ގެންދާ ކަމަށާއި އެގޮތަށް މިހާތަނަށް ކައުންސިލްގެ 109 ޖަލްސާ، އެއްވެސް މައްސަލައެއް ދިމާނުވެ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ނަމަވެސް މިއަދުގެ ޖަލްސާގައި މައްސަލަ ދިމާވި ދެ ކަންތައް އެޖެންޑާ ނުކުރެއްވީ ކައުންސިލް ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ފަހުން އެ ދެ ކަންތައް ފޮނުވުމުން ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ކައުންސިލް ބައްދަލުމުގެ އެޖެންޑާ 48 ގަޑިއިރުގެ ތެރޭގައި މޭޔަރު ސޮއިކުރައްވައި މެންބަރުންނަށް ފޮނުވަންވާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނާ ކަމަށެވެ. އެހެންކަމުން އެޖެންޑާގައި ހިމަނަން ބޭނުންވާ ކަންތައްތައް 72 ގަޑިއިރުގެ ކުރިން ލިޔުމުން މޭޔަރަށް ފޮނުވަން ޖެހޭނެ ކަމަށް ކައުންސިލްގެ ގަވާއިދުގައި ކަނޑާއަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މި ހަފުތާގައިވީ ގޮތަކީ އެ ހުށަހަޅަން އޮންނަ ގަޑިއަށްވުރެ މާލަހުން ފޮނުވީ، އަޅުގަނޑުމެންގެ ހިންގާ ގަވާއިދުގައި އޮންނާނެ، އެޖެންޑާ ކުރަން ބޭނުންވާ ކަންތައް 72 ގަޑިއިރު ކުރިން ލިޔުމުން ފޮނުވަން ޖެހޭނެ ކަމަށް، އެ މުއްދަތުގައި ނުފޮނުވައި މާލަހުން، އަޅުގަނޑު އެޖެންޑާ ހަދާފައި ސޮއިކޮށްފައި ނެރުނު ފަހުން އަޅުގަނޑަށް އޭތި ފޮނުވާފައި މިއޮތީ، ލާމަރުކަޒީ ގާނޫނުގައި އެބަ ބުނޭ އެޖެންޑާ ހުރިހާ ބޭފުުންނަށް އަޅުގަނޑު ފޮނުވަން ޖެހޭނެއޭ 48 ގަޑިއިރަަށްވުރެ ކުރިން އެހެންވީމަ އަޅުގަނޑަށް ފޮނުވޭނީ އެޖެންޑާގައި ހިމަންޖެހޭ އައިޓަމްތައް ލިބުނީމަ އޭއްޗަށް ބަލާފައި،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މުއްދަތުގެ ފަހުން ފޮނުވި ދެ މައްސަލަ އަންނަ ހަފުތާގެ އެޖެންޑާގައި ހިމަނާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި މޭޔަރަކީ ލާމަރުޒީ ގާނޫނުގެ ދަށުން ކަންކަން ތަންފީޒުކުރަން ހަވާލުކޮށްފަ ހުރި މީހެއް ކަމަށްވެސް ވިދާޅުވިއެވެ.
"ތަންކޮޅެއް ލަހުން ފޮނުއްވީމަ އަޅުގަނޑު ދެންނެވީ މި ހަފުތާގައި ދަތިވެއޭ އެޖެންޑާ ކުރަން، އެހެންނަމަވެސް މި އަންނަ ހަފުތާއަށް ހިމެނިދާނެއޭ، އެހެންވީމަ ހިޔާލުތަފާތުވީ، އެހެން މައްސަލައެއް ނެތް، އަޅުގަނޑުގެ ޕާސަނަލް އިޝޫއެއްވެސް ނެތް.... އަޅުގަނޑު މިހާތަނަށް ކަންތައްތައް ކުރިއަށް ގެންދިޔައީ ގާނޫނާއި ގަވާއިދާ އެެއްގޮތަށް ތަފާތުކުރުމެއް ނެތި، މިއަދުވެސް ހަމަކަންތައް ކުރިއަށް ގެންދިޔައީ އެގޮތަށް، ކުރިއަށް އޮތްތަނުގައިވެސް ކަންތައް ކުރިއަށްގެންދާނީ އެގޮތަށް" މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު