ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން ހުވަދު އަތޮޅުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އާރުޓީއެލް ފެރީގެ ހިދުމަތް ފޯރުކޮށްދެމުން ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ވަނީ ހުވަދު އަތޮޅުގައި އެ ހިދުމަތް ދިނުމަށް ބޭނުންވާ ހަ ލޯންޗު މިއަދު އެ އަތޮޅަށް ފުރުވާލައިފައެވެ.

ހުވަދު އަތޮޅުގައި ބޭނުންކުރާ އާރްޓީއެލް ލޯންޗުތައް ފުރުވާލުމަށް މިއަދު ހުޅުމާލެ ފެރީ ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ ހުވަދު އަތޮޅުގައި އެ ހިދުމަތް ފަށައިގަތުމަށް އެ ކުންފުނި މިހާރު އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން އެ އަތޮޅުގައި ހިދުމަތް ދިނުމަށް 80 މުވައްޒަފުން ނަގައި އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އާރްޓީއެލްގެ ހިދުމަތަށް އާންމުން ހޭލުންތެރިކުރުވުމުގެ ދަތުރުތައް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ފަށާނެ ކަމަށާއި އަގު ނަގައިގެން ދަތުރުތައް ކުރަން ފަށާނީ މި މަހުގެ 20 އިން ފެށިގެން ކަމަށެވެ.

"ޖުލައި 13 ވަނަ ދުވަހު ފެމިލިރައިޒޭޝަން ދަތުރުތައް ފެށޭނެ. 20 ވަނަ ދުވަހު އަގު ނަގައިގެން ކުރާ ދަތުރުތައް ފެށޭނެ. އޮގަސްޓް މަހު އަޅުގަނޑުމެން މަސައްކަތް އެބަކުރަން އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅު ގުޅުވާލަން،" އާޒިމް ވިދާޅުވިއެވެ.

މި އަހަރުގެ މެދު ތެރޭގައި ހުވަދޫ އަތޮޅުގައި އާރްޓީއެލް ހިދުމަތް ގާއިމުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ހުވަދު އަތޮޅަށްފަހު ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގައި އާރުޓީއެލް ސްޕީޑް ފެރޭގެ ހިދުމަށް ފެށުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

އެމްޓީސީސީން އާރުޓީއެލްގެ ފެރީގެ ހިދުމަތް މިހާރު ދެމުންގެންދަނީ ހދ. ހއ. ށ. އަދި ޅ. އަތޮޅުގައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އާރުޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

އާރުޓީއެލް މަޝްރޫއުގެ ދަށުން އެމްޓީސީސީން އަތޮޅު ތެރޭގައި ބަހުގެ ހިދުމަތް ވެސް ވަނީ ފަށައިފައެވެ. އަދި އެމްޓީސީސީން ވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ވެސް ފަށައިފައެވެ.