މަޝްހޫރު ވިޔަފާރިވެރިޔާ، އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ)ގެ ކުންފުނި، ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމެންޓް މޯލްޑިވްސް (އެޗްއޭއާރުއައިއެމް) އާއި ފިންލެންޑުގެ މެޔާ ފްލޯޓިން ސޮލިއުޝަންސް އިން ރާއްޖޭގައި ފްލޯޓިން ރިއަލް އެސްޓޭޓް ވޯޓާ ވިލާތަކެއް ތަރައްގީކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެޗްއޭއާރުއައިއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއާމަން ޖަނާއެވެ. މެޔާ ފްލޯޓިން ސޮލިއުޝަންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މިކޯ ލަޓޮނެންއެވެ. ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން ވިލާތައް ހަދާނީ މާލެ އަތޮޅު ވިލިވަރު ފަޅުގައެވެ. އެ ފަޅުގައި 13 އޯވާ ވޯޓާ ވިލާއެއް ހަދާނެއެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފްލޯޓިން ވިލާތައް ހެދުމަށް ފައިނޭންސް ހަމަޖައްސައިދިނުމުގެ އިތުރުން އެ ވިލާތައް ހެދުމާއި ވިއްކުމަށްވެސް ދެ ކުންފުނިން އެއްބަސްވެފައިވެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަނާ ވިދާޅުވީ، އަބަދުވެސް ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އާކަންކަން ފެށުމަށް ބައްލަވާ ކަމަށާއި ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރެވޭނެ އާ ކަންކަން ހޯދައި ދިރާސާ ކުރައްވާ ކަމަށެވެ. އެގޮތުން މި މަޝްރޫއަކީ މި ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ މަޝްރޫއެއް ކަމަށާއި މަޝްރޫއު ފެށުމަށް ބިމާއި އެންމެ ރަނގަޅު ލޮކޭޝަނާ ފައިސާވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ވިލިވަރު އައިލެންޑް ރިސޯޓް އެންޑް ސްޕާއަކީ މާލެ އަތޮޅުގައި އޮންނަ ހާއްސަ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ތަަނަކަށްވާއިރު، މިތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި ގާތްގަނޑަކަށް 30 މިނެޓުން ދެވޭނެއެވެ.

މެޔާ ފްލޯޓިން ސޮލިއުޝަންސްގެ ޑިރެކްޓަރު މިކޯ ވިދާޅުވީ، ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި ރާއްޖެއަކީ ނަމޫނާ ގައުމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކުންފުންނާއެކު މިފަދަ މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބުމަކީ އުފާކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެެވެ. އަދި ވިދާޅުވީ، މި މަޝްރޫއަކީ ކާމިޔާބު އަދި ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ މަޝްރޫއަކަށްވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ އެކު ކޮންސްޓްރަކްޝަން އިންޑަސްޓްރީވެސް ބަދަލުކުރަންޖެހޭ ކަމަށާއި މޫދުގައި ގެތައް އެޅުމަކީ ރާއްޖެެއަށް ފައިދާވާނެ ކަމެއް ކަމަށެވެ.

މި ސަރުކާރުން އަބަދުވެސް އާ ވިސްނުންތަކަށް މަރުހަބާ ކިޔާނެކަން ފާހަގަކުރައްވައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ، މި މަޝްރޫއަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި ފްލޯޓިން ސިޓީގެ ވާހަކަދައްކާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތްތައް ފެށޭ ގޮތް ނުވި ނަމަވެސް މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން މިއީ ކުރެވޭނެ ކަމެއްކަމުގެ އުންމީދު އާވެއްޖެ ކަމަށް ވިދާޅުވިއެެވެ.