ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަން ވަނަތައް ހޯދައިދިން ޓީމަށް ދިރާގުން ހާއްސަ އިނާމުތަކެއް ދީފިއެވެ.

ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސް ބާލިން 2023ގައި ރާއްޖެއިން ބައިވެރިވި ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ދިރާގު ހެޑް އޮފީހުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ދިރާގުން ވަނީ ސްޕެޝަލް އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ޑެލެގޭޝަނާއި އެތުލީޓުންގެ ބެލެނިވެރިންނަށް މަރުހަބާ ކިޔައިފައެވެ.

މިދިޔަ މަހުގެ 17 އިން 25 އަށް ޖަރުމަނުގެ ބާލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް"ގައި ރާއްޖޭގެ ޓީމުން ވަނީ ދެ ރަން މެޑަލްއާއި އެއް ލޯ މެޑެލް ހޯދައިފައެވެ.

މި ފަހަރު ރާއްޖެއަށް ރަން މެޑަލް ގެނެސްދިނީ އައިޝަތު މާނިޔާ އާދަމްއާއި އައިޝަތު ލައިކާ ހުސެއިނެވެ. މާނިޔާ ރަން މެޑަލް ހޯދީ ބެޑްމިންޓަން އިވެންޓުންނެވެ. އަދި ލައިކާ ރަން މެޑަލް ހޯދީ ލެވެލް ބީ - އެފް07 ޑިވިޝަންގެ 100 މީޓަރު ދުވުމުންނެވެ. ރާއްޖެއަށް ލޯ މެޑަލް ހޯދައި ދިނީ ޒާނާ އަލީ ޝަރީފެވެ. ޒާނާ ބްރޯންޒް މެޑަލް ހޯދީ ލެވެލް ސީ - ޑިވިޝަން އެފްއޯ3 ކެޓަގަރީގެ 200 މީޓަރު ދުވުމުންނެވެ.

ރާއްޖެ ޓީމުގެ ކާމިޔާބީ ފާހަގަކޮށް އެތުލީޓުންގެ އަގުވަޒަންކުރުމުގެ ގޮތުން ދިރާގުން ވަނީ އެ ގޭމްސްގައި ބައިވެރިވި ހަ އެތުލީޓުންނަށްވެސް އެކުންފުނީގެ ފަރާތުން އިނާމު ހަވާލުކޮށްފައެވެ. އެގޮތުން ރަން އަދި ލޯ މެޑަލް ހޯދި ތިން އެތުލީޓުންނަށް އެކުންފުނިން ވަނީ އެއް އަހަރު ދުވަހަށް ހިލޭ ދިރާގު ފައިބާ 100m ކަނެކްޝަނެއް ދީފައެވެ. އަދި ޓީމުގެ އެހެން ކުޅުންތެރިންނަށް ވަނީ ސްޕޯޓްސް ގިފްޓް ވައުޗަރެއް ހަދިޔާކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވަނީ ޓީމުގެ ޝަރަފުވެރި ކާމިޔާބީއަށް އެތުލީޓުންނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އަދި ރާއްޖެއަށް ރީތި ނަން ހޯދައިދީ، ގައުމަށް ކާމިޔާބީ ގެނެސްދިނުމަށް އެތުލީޓުން ކުރި މަސައްކަތަށް ފަހުރުވެރިވާ ކަމަށާއި ކުރިއަށް އޮތްތާނގައިވެސް ގިނަ ވަނަތައް ހާސިލުކުރާ ތަން ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އަލީ ވިދާޅުވިއެވެ.

ދިރާގުގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އަދި އެކި އެންޖީއޯތަކާ ގުޅިގެން ތަފާތު ޕްރޮގްރާމުތަކަށް އަންނަނީ އެއްބާރުލުންދެމުންނެވެ.